އަންނަ ހަފުތާގައި އިންޑިއާގައި ބާއްވާ ސަރަހައްދީ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް ޕާކިސްތާނުގެ ވަޒީރަކު އެ ގައުމަށް ވަޑައިގަންނަވާނެ ކަމަށް ޕާކިސްރާނުން އިއްޔެ ބުނެފި އެވެ.
މިއީ ޒަމާންވީ ދެ ހަތުރުން ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިދިޔަ އަހަރު ހިނގި ހަތަރު ދުވަހުގެ ހަނގުރާމައަށް ފަހު ޕާކިސްތާނުގެ ވަޒީރަކު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އަންނަ ހުކުރު ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާއްވާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ "ސިވިލައިޒޭޝަނަލް ޑައިލޮގް" ގައި އެ ގައުމު ތަމްސީލު ކުރައްވާނީ ކްލައިމެޓް ޗޭންޖް މިނިސްޓަރު މުސައްދިގު މާލިކް ކަމަށެވެ.
މިއީ މެއި 2023 ގައި އިންޑިއާގެ ގޯއާގައި ބޭއްވި އެސްސީއޯ ބައްދަލުވުމަކަށް ޕާކިސްތާނުގެ އޭރުގެ ފޮރިން މިނިސްޓަރު ބިލާވަލް ބުއްޓޫ ޒަރްދާރީ ވަޑައިގެންނެވި ފަހުން، ޕާކިސްތާނުގެ ފެޑެރަލް ވަޒީރަކު އިންޑިއާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ނިއުކްލިއާ ގާބިލްކަން ލިބިފައިވާ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮންނަނީ ވަރަށް ބޮޑަށް އިތުބާރު ގެއްލިފައިވާ ގުޅުމެކެވެ. އަދި 1947 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން، ދެ ގައުމުން ވެސް މިލްކުވެރިކަމަށް ދައުވާކުރާ، މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ކަޝްމީރުގެ މައްސަލާގައި ދެ ގައުމުގެ ދެމެދުގައި އެތައް ހަނގުރާމައެއް ކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ މެއި މަހު ދެ ގައުމުގެ ދެމެދުގައި ހަތަރު ދުވަހުގެ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގީ، ކަޝްމީރަށް ޒިޔާރަތްކުރި ޓޫރިސްޓުންތަކަށް ބަޑިން ހަމަލާދީ 24 އަށް ވުރެ ގިނަ މީހުން މަރާލި ހާދިސާއަކާ ގުޅިގެންނެވެ. އެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ހިންދޫންނެވެ.
އެ ހަމަލާގެ ފަހަތުގައި އޮތީ ޕާކިސްތާން ކަމަށް އިންޑިއާއިން ތުހުމަތު ކުރި ނަމަވެސް، ޕާކިސްތާނުން ވަނީ އެކަން ވަރަށް ބޮޑަށް ދޮގުކޮށްފަ އެވެ.
އެ ހަމަލާއަށް ފަހު ދެ ގައުމުން އެއް ގައުމު އަނެއް ގައުމާ ދެކޮޅަށް ޑިޕްލޮމެޓިކް ފިޔަވަޅުތަކެއް އެޅުމަށް ފަހު، މިސައިލާއި ޑްރޯން އަދި ބޮޑުބަޑީގެ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރި އެވެ. އެ ކުރިމަތިލުންތަކުގައި 70 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނީ، އެސްސީއޯގެ އޮނިގަނޑުގެ ތެރެއިން އެއް ގައުމު އަނެއް ގައުމަށް އިހުތިރާމް ކުރުމުގެ ރޫހެއްގައި ހަޟާރަތްތަކުގެ މެދުގައި މަޝްވަރާތައް ކުރިއެރުވުމަށާއި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ޕާކިސްތާން ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. -- އޭއެފްޕީ