މަރުގެ އިންޒާރު އޮތަސް، އަންނަ މަހު އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ މިއަދު ވިދާޅުވެއްޖެ އެވެ.
ބަންގްލާދޭޝްގެ ބޮޑުވަޒީރުކަމުން 2024 ވަނަ އަހަރު ދުރުކުރުމަށް ފަހު މަރުގެ ހުކުމް އިއްވާފައިވާ ހަސީނާ، އޭއެފްޕީއަށް އީމެއިލް މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެނބުރި ގައުމަށް ވަޑައިގަތުމުން ކުރިމަތިވެދާނެ ނުރައްކާތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
"އެނބުރި ގައުމަށް ދިއުމުން ކުރިމަތިވާނެ ނުރައްކާތައް އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ. އެކަމަކު އަޅުގަނޑު މިހާރު މި ވަނީ ގޮތް ނިންމާފައި. މަރުގެ އެއްވެސް އިންޒާރަކަށް އަޅުގަނޑުގެ އަމިއްލަ ގައުމާ އަޅުގަނޑު ދުރެއް ނުކުރެވޭނެ،" ހަސީނާ ވިދާޅުވި އެވެ.
ބަންގްލަދޭޝްގައި 15 އަހަރު ވެރިކަން ކުރެއްވި ހަސީނާގެ ވެރިކަން ވެއްޓުނީ 2024 ވަނަ އަހަރު ދަރިވަރުން އިސްވެ ކުރި ވަރުގަދަ މުޒާހަރާތަކާ ގުޅިގެންނެވެ. އދ. އިން ބުނާ ގޮތުގައި އެ މުޒާހަރާތައް ރޫޅާލުމަށް ހިންގި އޮޕަރޭޝަންތަކުގައި 1،400 އާ ގާތްކުރާ އަދަދަކަށް މީހުން މަރުވި އެވެ.
މުޒާހަރާގެ ބައިވެރިން ބޮޑުވަޒީރުގެ ގަނޑުވަރަށް ވަދެގަތުމާ ގުޅިގެން އޮގަސްޓް 2024 ގައި ހަސީނާ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގަތުމަށް ފަހު އުޅުއްވަނީ އަމިއްލައަށް އަރުވާލެވިގެންނެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޑާކާގެ ކޯޓަކުން ވަނީ، އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގުމުގެ ކުށް ސާބިތުވެ، އޭނާގެ ޣައިރު ހާޒިރުގައި މަރުގެ ހުކުމް އިއްވައިފަ އެވެ.
ހަސީނާ އެނބުރި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވަމުން ގެންދަވާތީ، ބަންގްލަދޭޝްގެ ޕްރޮސެކިއުޓާ މުހައްމަދު އަމީނުލް އިސްލާމް ދާދި ފަހުން ވިދާޅުވެފައި ވަނީ ހަސީނާ އެނބުރި ވަޑައިގެންފި ނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ވެސް ހަމަވެފައިވާތީ މަރުގެ ހުކުމް ތަންފީޒުކުރުން ނޫން އެހެން ގޮތެއް ނޯންނާނެ ކަމަށެވެ.
އެނބުރި ގައުމަށް ވަޑައިގަތުމަށްޓަކައި ހަސީނާގެ ވަކީލުން ވަނީ އާ ޕާސްޕޯޓަކަށް ވެސް އެދި ހުށަހަޅައިފަ އެވެ. ހަސީނާ ބަންގްލަދޭޝްއާ ހަވާލުކޮށްދިނުމަށް އެ ގައުމުގެ ސަރުކާރުން އިންޑިއާގައި އެދިފައިވާއިރު، އިންޑިއާއިން ބުނެފައި ވަނީ އެ ހުށަހެޅުން ގާނޫނީ ގޮތުން ދިރާސާކުރަމުން އަންނަ ކަމަށެވެ. -- އޭއެފްޕީ