ކުއާލަ ލަމްޕޫރަށް ދަތުރުކުރި އެއާއޭޝިއާ އެކްސްގެ މަތިންދާބޯޓުގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން "ދޮންނަ މެޝިނެއްހެން ތެޅެމުން" ދަނިކޮށް، އެނބުރި ގޮސް އޮސްޓްރޭލިޔާ އަށް އިއްޔެ ޖައްސައިފި އެވެ.
ދަތުރަށް ނައްޓާލިތާ 90 މިނިޓް ތެރޭ އެނބުރި ޕާތަށް ޖެއްސީ، ޕައިލެޓް ބުނި ގޮތުގައި، "ޓެކްނިކަލް މައްސަލަތަކެއް" ދިމާވެގެންނެވެ.
ބޯޓުގެ ހާލަތު އެއް ދަތުރުވެރިޔަކު ސިފަކުރީ "ތެޅެމުން ދިޔަ ދޮންނަ މެޝިނެއް"ގެ ގޮތުގަ އެވެ.
"ފަޅުވެރިން އުޅުނު ގޮތުން އަހަންނަށް އެނގުނު ހާލަތު ވަރަށް ގޯސްކަން،" އޭބީސީ ނިއުސްއާ ވާހަކަ ދައްކަމުން ފަސިންޖަރެއް ކަމަށްވާ ސޯފީ ނިކޮލަސް ބުންޏެވެ.
"އަހަންނަށް ވަރަށް ރޮވުނު، އެހެން މީހުން ވެސް ރޮމުން ދިޔައީ. ބައެއް މީހުން އުޅުނު މަންމަ އަށް ގުޅޭތޯ. އެކަމަކު އަހަރެމެންނަށް ކުރެވޭނެ ކަމެއް ނެތް ޕައިލެޓަށް އިތުބާރު ކުރުން ފިޔަވައި،" ސޯފީ ބުންޏެވެ.
"ސަލާމަތުން ޖެއްސުމާ އެކު އެންމެން އުފަލުން އަތްތިލަބަޑި ތަޅައިގަތް."
މީޑިއާ އިން ބުނާ ގޮތުގައި އެމަޖެންސީގައި މޫދަށް ޖައްސަން ޖެހިދާނެތީ ވެސް ކަމާ ބެހޭ ފަރާތްތަކުން ތިބީ ތައްޔާރީ ހާލަތުގަ އެވެ.
އިންޖީނަށް ދިމާވި މައްސަލައާ ބެހޭ ގޮތުން އެއާއޭޝިއާ އިން އެއްވެސް ތަފުސީލެއް ނުދެ އެވެ. އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައި އޮތީ އެންމެ ބޮޑު އިސްކަމެއް ދެނީ ފަސިންޖަރުންގެ ރައްކާތެރިކަމަށް ކަމަށެވެ.
މި މަހު ކުރީކޮޅު ޗައިނާ އީސްޓަން އެއާލައިންގެ އެއާބަސް އޭ330 ބޯޓެއްގެ އެއް އިންޖީނުގެ މަތިގަނޑުގައި ބޮޑު ބާ ގަނޑެއް އުފެދުމުން އެމަޖެންސީގައި ސިޑްނީ އަށް ޖެއްސި އެވެ.
ސިޑްނީން ޝަންހާއީ އަށް ނައްޓާލިތާ މާ ގިނަ އިރެއް ނުވަނީސް ވަރަށް ބާރު އަޑުފައްގަނޑެއް އިވުނު ކަމަށް، ދަތުރުވެރިން ބުންޏެވެ. ބޯޓަށް ލިބުނު ގެއްލުން، ސޯޝަލް މީޑިއާ އިން ލީ ފޮޓޯތަކުން ފެނުނެވެ.
ޑިސެމްބަރު 2014 ގައި އެއާއޭޝިއާގެ ބޯޓެއް ޖާވާ ކަނޑަށް ވެއްޓި 162 މީހުން މަރުވި އެވެ.