ދޫންޏެއް ޖެހިގެން އެއާ އޭޝިއާ އެކްސްގެ ބޯޓެއް އަނބުރާ ޖައްސައިފި

ސިޑްނީ (ޖުލައި 3) - އޮސްޓްރޭލިއާ އިން މެލޭޝިއާ އަށް ދަތުރުކުރި އެއާ އޭޝިއާ އެކްސްގެ ބޯޓެއްގެ އިންޖީނުގައި ދެ ދޫނި ޖެހިގެން އަނބުރާ ބޯޓު ބްރިސްބޭން އަށް ޖައްސައިފި އެވެ.


އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓުން 359 މީހުންނާ އެކު ފުރި ޖެޓަށް މައްސަލަ ދިމާވީ ދަތުރަށް ފެށިތާ ގަޑިއެއްހާއިރު ފަހުންނެވެ. ބައެއް ޕަސިންޖަރުން ބުނި ގޮތުގައި ބާރު އަޑު ފައްގަނޑެއް އިވި އިންޖީނުން އަލިފާން ކަނިތަކެއް ވަނީ ފެނިފަ އެވެ.

"ދެ ދޫންޏެއްގެ ބައިތަކެއް ވަނީ ރަންވޭ މަތިން ފެނިފައި،" އެއާލައިނުން ބުނެފައިވެ އެވެ.

ޕަސިންޖަރެއް ކަމަށްވާ ޓިމް ޖޮގާ ބުނީ ހަތަރު ފަސް ފަހަރު ބާރު އަޑެއް އިވުނު ކަމަށެވެ. އޭގެ ފަހުން އޮރެންޖް އައްޔެއް ބޭރުން ފެނުނު ކަމަށް އޭނާ ބުންޏެވެ.

އެހެން ޕެސެންޖަރެއް ކަމަށްވާ އެރިކް ލިމް ބުނީ ބޯޓަށް މައްސަލައެއް ދިމާވީ ނައްޓާލިތާ މާގިނައިރު ނުވަނީސް ކަމަށެވެ.

"ފުލުފުލާ އަލިފާން ކަނިތަކެއް ބުރަން ފެށުމުން ބައެއް މީހުން ބިރުން ރޯން ފެށި،" ފޭސްބުކުގައި އޭނާ ލިޔެފައިވެ އެވެ.

އެއާ އޭޝިއާ އެކްސްގެ މަތިންދާ ބޯޓުގެ އިންޖީނުން އަލިފާން ކަނި ބުރި ކަމަށް ބޯޓުގެ ބައެއް ޕަސިންޖަރުން ބުނި. --ފޮޓޯ:އޭބީސީ

އެއާ އޭޝިއާ އެކްސްގެ ޗީފް އެގްޒެކެޓިވް ބުންޔާމިން އިސްމާއިލް ވިދާޅުވީ ހާދިސާ ކުރިމަތިވުމާ އެކު ބޯޓުގެ ޕައިލެޓާއި ކުރުން ވަނީ ޕަސިންޖަރުންގެ ސަލާމަތަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅާފައި ކަމަށެވެ.

"ކުއާލަ ލަމްޕޫރަށް ދަތުރު ކުރަން ހަމަޖެހިފައިވާ ޕަސިންޖަރުންނަށް އެއާ އޭޝިއާ އެކްސް އިން ޚާއްސަ ފްލައިޓެއް ހަމަޖައްސައިދޭނަން،" އެއާލައިނުން ނެރުނު ބަޔާނެއްގައި އޭނާ ވިދާޅުވި އެވެ.

އެއާ އޭޝިއާ އެކްސްގެ ބޯޓަކަށް މިދިޔަ ހަފުތާގައި ވެސް ވަނީ މައްސަލަ ދިމާވެ ކުއްލި ހާލަތުގައި އަނބުރާ އޮސްޓްރޭލިއާގެ ޕާތަށް ޖައްސައިފަ އެވެ. އެ ފަހަރު ވެސް ވަނީ ބޯޓުގެ އިންޖީނަށް މައްސަލައެއް ދިމާވެ ދަތުރު މަތީގައި، ދޮންނަ މެޝިނެއްހެން ބޯޓު ތެޅެން ފަށައިފަ އެވެ.

މިދިޔަ މަހު ޗައިނާ އީސްޓަންގެ ފްލައިޓެއް ވަނީ ކުއްލި ހާލަތުގައި ސިޑްނީ އަށް ޖައްސައިފަ އެވެ. އެ ބޯޓުު ޖެއްސީ އިންޖީނު ކޭސިންގައި ބޮޑު ބާގަނޑެއް ހެދުމުންނެވެ.

ޑިސެމްބަރު 2014 ގައި ވަނީ އެއާ އޭޝިއާގެ މަތިންދާ ބޯޓެއް ޖާވާ ކަނޑަށް ވެއްޓި އެ ބޯޓުން ދަތުރުކުރި 162 މީހުން މަރުވެފަ އެވެ. އެ ފަހަރު ވަނީ ރަޑާ ކޮންޓްރޯލް ސިސްޓަމަށް މައްސަލަ ދިމާވެފަ އެވެ.