އައިއެސްގެ ގަތުލްއާއްމުގައި ބައިވެރިވި 27 މީހަކަށް މަރުގެ އަދަބު

ބަޣުދާދު (އޮގަސްޓް 9) - އިސްލާމިކް ސްޓޭޓް (އައިއެސް) އިން ޖޫން 2014 ގައި ހިންގި ގަތުލްއާއްމުގައި ބައިވެރިވި މީހުންގެ ތެރޭން 27 މީހަކަށް މަރުގެ އަދަބު ދޭން ހުކުމް ކޮށްފި އެވެ.


އިރާގު ސިފައިންގެ ތެރޭން 1،700 މީހުން މެރި މައްސަލާގައި އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ 25 މީހަކު ވަނީ ދޫކޮށްލައިފަ އެވެ. މި މައްސަލާގައި މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް ވަނީ 36 މީހަކު ދަންޖައްސައިފަ އެވެ.

ތިކްރީތާ ކައިރީގައިވާ އަސްކަރީ މަރުކަޒެއްގެ ގޮތުގައި އެމެރިކާ އިން ބޭނުން ކުރި ކޭމްޕެއްގައި އައިއެސް އިން ހިންގި ގަތުލް އާއްމު ވަނީ އެ މީހުން ވީޑިއޯ ކޮށްފަ އެވެ. މަންޒަރުތަކުން ފެންނަ ގޮތުގައި ސިފައިން ބަރިއަކަށް އެތުރުމަށް ފަހު ވަނީ ބަޑި ޖަހައި މަރައިފަ އެވެ. ބައެއް މީހުން މެރުމަށް ފަހު ވަނީ ހަށިގަނޑު ދިޖުލަތު ކޯރަށް އެއްލާލައިފަ އެވެ. އަނެއް ބަޔަކު ހަށިތައް ވަނީ ބޮޑު ވަޅެއް ކޮނެ ވަޅުލައިފަ އެވެ. ތިކްރީތު ހިފުމަށް ފަހު އިރާގު ސިފައިން ވަނީ މި ކަށްވަޅުތައް ހޯދައިފަ އެވެ. އައިއެސް އިން މެރި ގިނަ މީހުންނަކީ ކޭމްޕުގައި ތިބި ޝިއައީ ރެކްރޫޓުންނެވެ.