އައިއެސްގެ 12 މީހަކަށް އިރާގުން މަރުގެ އަދަބު ދީފި

ބަޣުދާދު (ޖޫން 29) - މަރަން ހުކުމްކޮށްފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ 12 މީހަކަށް އިރާގުން މަރުގެ އަދަބު މިއަދު ތަންފީޒުކޮށްފި އެވެ.


އައިއެސްގެ 12 މީހެއްގެ މައްޗަށް މަރުގެ އަދަބު ދީފައި މި ވަނީ އެ ޖަމާއަތުން ހައްޔަރު ކުރި އިރާގުގެ ސަލާމަތީ ފަރާތްތަކުގެ އަށް މީހަކު މަރާލުމާ ގުޅިގެންނެވެ.

އިރާގު ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ މަރަން ހުކުމްކޮށްފައިވާ އައިއެސްގެ މެންބަރުންގެ ހުކުމް ތަންފީޒް ކުރުން އަވަސް ކުރުމަށް ބޮޑު ވަޒީރު ހައިދަރު އަލް އަބާދީގެ އޮފީހުން އަންގަވާފައިވާ ކަމަށެވެ.

އައިއެސް އިން ވަނީ އިރާގުގެ ސަލާމަތީ ބާރުތަކުގެ ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭން ހަ މީހެއްގެ ވީޑިއޯ ހޮނިހިރު ދުވަހު ދައްކައި އެ މީހުން މަރާލާނެ ކަމުގެ އިންޒާރު އައިއެސް އިން ދީފައިވެ އެވެ.

އިރާގުން އަތުލައިގަތް އައިއެސްގެ މީހުންގެ ތެރޭން 300 އަށް ވުރެ ގިނަ މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވައިފައިވެ އެވެ. އޭގެ ތެރޭގައި ބޭރު ގައުމުތަކުގެ 100 އަށް ވުރެ ގިނަ އަންހެނުން ވެސް ހިމެނެ އެވެ.

އައިއެސްގެ މައްޗަށް އިރާގުން ކާމިޔާބު ހޯދާފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. ނަމަވެސް ސީރިއާގެ ބޯޑަރާ ގުޅޭ ހިސާބުތަކުގައި މަދުން ނަމަވެސް އައިއެސްގެ ބައެއް މީހުން މިހާރު ވެސް ހަރަކާތްތެރިވެ އެވެ.