ނައިރޯބީ (ސެޕްޓެމްބަރު 1) - ކެންޔާގައި މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އެ ގައުމުގެ ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ. އަދި 60 ދުވަހުގެ ތެރޭގައި އާ އިންތިޚާބެއް ބޭއްވުމަށް ވަނީ އަމުރުކޮށްފަ އެވެ.
ކެންޔާގެ އިންތިޚާބުގައި މަކަރާއި ހީލަތް ހަދާ ނަތީޖާ އޮޅުވާލާފައިވާ ކަމަށް އެތައް ބަޔަކު ބުނަމުން ދަނިކޮށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބު ކާމިޔާބު ކުރީ ރައީސް އުހުރު ކެންޔައްޓާ ކަމަށް އިއުލާންކޮށްފަ އެވެ. ކެންޔާގެ އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާ ވިދާޅުވީ އިލެކްޝަން ކޮމިޝަން އޮތީ "ކުނިވެފައި" ކަމަށާއި އެ ތަނުގައި ތިބި މީހުން އިސްތިއުފާދީ އެ މީހުންނާ ދެކޮޅަށް ދައުވާ ކުރަން ޖެހޭނެ ކަމަށެވެ. އަދި އިންތިޚާބުން މޮޅުވީ އެ މީހުން ކަމަށާއި ދެން ވެސް މޮޅުވާނީ އެ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ކެންޔައްޓާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމަށް އިހްތިރާމް ކުރާނެ ކަމަށެވެ. ނަމަވެސް ކޯޓުގައި ތިބި ފަނޑިޔާރުންނަކީ "ތެދުވެރި ނޫން މުޖްރިމުންތަކެއްގެ" ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވައިފަ އެވެ. އަދި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ކުޅެން އެ އުޅުއްވަނީ އިންތިޚާބުކޮށްފައި އެކަމަކު މަގާމާ ހަވާލު ނުވެ ހުރި ރައީސަކާ ނޫން ކަމަށާއި އެ ކުޅެނީ މަގާމުގައި ހުރި ރައީސްއަކަށް ކަމަށް ވިދާޅުވެ އޭނާ ވަނީ އިންޒާރު ދެއްވައިފަ އެވެ.
އެފްރިކާގެ ބައެއް ގައުމުތަކުގައި މީގެ ކުރިން ބޭއްވި ބައެއް އިންތިޚާބުތައް ކެންސަލްކޮށް ނުވަތަ ނަތީޖާ ބާތިލްކޮށްފައިވެ އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ކޯޓަށް ގޮސްގެން އިންތިޚާބެއްގެ ނަތީޖާ ބާތިލްކުރި މިއީ ފުރަތަމަ ފަހަރެވެ.
ކެންޔާގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ އޮގަސްޓް 8 ވަނަ ދުވަހު އިންތިޚާބު ބާއްވާފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށާއި އެހެންވެ އެއީ ބާތިލް އިންތިޚާބެއް ކަމަށެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރުންގެ ތެރޭން ހަތަރު ފަނޑިޔާރުން މި ނިންމުމަށް ތާއީދު ކޮށްފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ އުފާ ފާޅު ކުރަމުންނެވެ.