އިދިކޮޅު ކެންޑިޑޭޓް ބޮއިކޮޓްކުރި ކެންޔާގެ އިންތިޚާބުގައި ވޯޓުލާން ފަށައިފި

ނައިރޯބީ (އޮކްޓޯބަރު 26) - އިދިކޮޅު ޕާޓީން ބޮއިކޮޓްކޮށްފައިވާ ކެންޔާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާން މިއަދު ފަށައިފި އެވެ.


ކެންޔާގައި އޮގަސްޓް މަހު ބޭއްވި ރިޔާސީ އިންތިޚާބު ސުޕްރީމް ކޯޓުން ބާތިލްކުރީ އިންތިޚާބުގައި ގާނޫނާ ޚިލާފު ކަންކަންކޮށް ނަތީޖާގެ ސައްހަކަން ނެތުމުންނެވެ. އަދި އިންތިޚާބު އަލުން ބޭއްވުމަށް ސުޕްރީމް ކޯޓުން ވަނީ އަންގައިފަ އެވެ. އެކަމަކު މިހާރު އޮތް އިލެކްޝަން ކޮމިޝަނާ އެކު އިންތިޚާބު އިންސާފުވެރި ނުވާނެ ކަމަށް ބުނެ އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާ ވަނީ އިންތިޚާބުން ވަކިވެފަ އެވެ. އިންތިޚާބުގެ ކަންކަން އިންސާފުވެރި ނުވާނެ ކަމަށް ބުނެ އިލެކްޝަން ކޮމިޝަނުގެ މެންބަރަކު ވެސް މިދިޔަ ހަފުތާގައި ވަނީ އިސްތިއުފާ ދިނުމަށް ފަހު އެމެރިކާ އަށް ގޮހެވެ. އިންތިޚާބު ބާތިލް ކުރަން ޖެހުނީ އިލެކްޝަން ކޮމިޝަނުގެ ސަބަބުން ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ.

ކެންޔާގެ ރިޔާސީ އިންތިޚާބުގައި މީހަކު މިއަދު ވޯޓުލަނީ. --ފޮޓޯ:އޭއެފްޕީ

ކެންޔާގައި ރިޔާސީ އިންތިޚާބު ބާއްވަނީ ގާނޫނާޚިލާފަށް ކަމަށް ބުނެ އިންތިޚާބު ހުއްޓުވައި ދިނުމަށް އެންމެ ފަހު ވަގުތު ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަން ވެސް ބެލޭ ގޮތް ވަނީ ނުވެފަ އެވެ. އުއްތަމަ ފަނޑިޔާރު ޑޭވިޑް މާރަގާ ވިދާޅުވީ ޕެޓިޝަން ބެލޭ ވަރަށް ސުޕްރީމް ކޯޓުގައި ފަނޑިޔާރުން ނެތް ކަމަށެވެ. ކެންޔާގެ ސުޕްރީމް ކޯޓުން މައްސަލައެއް ބެލުމަށް ފަސް ފަނޑިޔާރުންގެ ބެންޗެއް ބޭނުންވެ އެވެ.

ވޯޓުލާން ފެށި އިރު ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ. ދެ ވަނަ ދައުރަކަށް އިންތިޚާބުވާން މަސައްކަތް ކުރާ ރައީސް އުހުރު ކެންޔާއްޓާ ވަނީ ވީހާ ވެސް ގިނަ ބަޔަކު ވޯޓުލާން ނުކުތުމަށް އެދިވަޑައިގެންފަ އެވެ. އެކަމަކު އިދިކޮޅު ލީޑަރު އޮޑިންގާ ވަނީ އިންތިޚާބު ބޮއިކޮޓް ކުރުމަށް އޭނާގެ ސަޕޯޓަރުންނަށް ގޮވާލައްވައިފަ އެވެ.

އޮގަސްޓް 8 ވަނަ ދުވަހު ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވީ ކެންޔާއްޓާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ.