ކެންޔާގެ ރައީސް އާއި އިދިކޮޅު ލީޑަރު އެންމެ ފަހުން މަޝްވަރާއަށް އެއްބަސްވެއްޖެ

ނައިރޯބީ (މާޗް 9) - މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ތެރޭގައި އުފެދުނު މައްސަލަތަކުގައި ދެ ހަތަރުންނަށްވެފައިވާ ކެންޔާގެ ރައީސް އުހުރު ކެންޔާއްޓާ އާއި އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާ މަޝްވަރާ އަށް އެއްބަސްވެވަޑައިގެންފި އެވެ.


ވޯޓަށް ފަހު ދެ ބޭފުޅުން ފުރަތަމަ ބޭއްވި ބައްދަލުވުމަށް ފަހު ކެންޔާއްޓާ އާއި އޮޑިންގާ ވަނީ ކެންޔާގެ ގައުމީ ޓީވީގައި ވާހަކަ ދައްކަވައިފަ އެވެ. އިންތިޚާބުގެ ޚިޔާލު ތަފާތުވުމުގައި އުފެދުނު ހަމަނުޖެހުންތަކުގައި ވަނީ 150 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

ކެންޔާގެ އިދިކޮޅު ލީޑަރު އޮޑިންގާ ވަނީ "ރައްޔިތުންގެ ރައީސްގެ" ގޮތުގައި މި އަހަރު ކުރީކޮޅު ރައީސްކަމުގެ ހުވާ ކުރައްވައިފަ އެވެ. އަދި ކެންޔާއްޓާ އަކީ ގައުމުގެ ރައީސްގެ ގޮތުގައި ބަލައިގަތުމަށް ވަނީ ދެކޮޅު ހައްދަވައިފަ އެވެ.

އިންތިޚާބަށް ފަހު ދެ ބޭފުޅުން ސުލްހަ ކުރެވޭތޯ ބައިނަލްއަގުވާމީ ގޮތުން ކުރި މަސައްކަތް ވެސް ކާމިޔާބުވެފައެއް ނުވެ އެވެ. އެކަމަކު ދެ ބޭފުޅުން ދެއްވި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޮޑިންގާ އަށް ކެންޔާއްޓާ މުޚާތަބް ކުރައްވާފައި ވަނީ އޭނާގެ އަޚެއްގެ ގޮތުގަ އެވެ. އޮޑިންގާ ވެސް ވިދާޅުވެފައި ވަނީ މިއީ ތަފާތުތައް ނައްތާލަންވީ ވަގުތު ކަމަށެވެ.

އޮގަސްޓް މަހު ކެންޔާގައި ބޭއްވި ރިޔާސީ އިންތިޚާބު ސުޕްރީމް ކޯޓުން ބާތިލް ކުރީ ވޯޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ އެވެ. ރައީސް ކެންޔާއްޓާ ދެ ވަނަ ދައުރު ކާމިޔާބު ކުރެއްވީ އޮކްޓޯބަރު މަހު ބޭއްވި އިންތިޚާބުގަ އެވެ. އެ ފަހަރު އޭނާ ވަނީ ވޯޓުގެ 98 ޕަސެންޓް ހޯއްދަވައިފަ އެވެ. ނަމަވެސް ވޯޓުލީ 39 ޕަސެންޓް މީހުންނެވެ. އެ ބުރުގައި އޮޑިންގާ ވާދައެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ވޯޓު އޮޅުވާލާނެކަން ޔަގީންވާ ކަމަށެވެ. ދެ ވަނަ ދައުރަކަށް ރައީސްކަމުގެ ހުވާ ކެންޔާއްޓާ ކުރެއްވީ ނޮވެމްބަރު މަހު އެވެ.