ކެންޔާގެ އިދިކޮޅު ލީޑަރު ވެސް ރައީސްކަމުގެ ހުވާ ކުރައްވައިފި

ނައިރޯބީ (ޖެނުއަރީ 30) - ކެންޔާގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރު ކޮއިކޮޓް ކުރި އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާ "ރައްޔިތުންގެ ރައީސްގ" ގޮތުގައި މިއަދު ހުވާ ކުރައްވައިފި އެވެ.


ވެރިރަށް ނައިރޯބީގެ ޕާކެއްގައި ބޭއްވި ހުވާ ކުރުމުގެ ރަސްމިއްޔާތު އެ ގައުމުގެ އެއްވެސް ޓީވީ ސްޓޭޝަކުން ނުދެއްކުމަށް ސަރުކާރުން އޮތީ އަންގައިފަ އެވެ. ނަމަވެސް ބައެއް ޓީވީ ސްޓޭޝަންތަކުގެ ވެބްސައިޓުން ވަނީ އެ ރަސްމިއްޔާތު ސްޓްރީމް ކޮށްފަ އެވެ.

އޮގަސްޓް މަހު ކެންޔާގައި ބޭއްވި ރިޔާސީ އިންތިޚާބު ސުޕްރީމް ކޯޓުން ބާތިލް ކުރީ ވޯޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ އެވެ. ރައީސް އުހުރު ކެންޔާއްޓާ ދެ ވަނަ ދައުރު ކާމިޔާބު ކުރެއްވީ އޮކްޓޯބަރު މަހު ބޭއްވި އިންތިޚާބުގަ އެވެ. އެ ފަހަރު އޭނާ ވަނީ ވޯޓުގެ 98 ޕަސެންޓް ހޯއްދަވައިފަ އެވެ. ނަމަވެސް ވޯޓުލީ 39 ޕަސެންޓް މީހުންނެވެ. އެ ބުރުގައި އޮޑިންގާ ވާދައެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ވޯޓު އޮޅުވާލާނެކަން ޔަގީންވާ ކަމަށެވެ. ދެ ވަނަ ދައުރަކަށް ރައީސްކަމުގެ ހުވާ ކެންޔާއްޓާ ކުރެއްވީ ނޮވެމްބަރު މަހު އެވެ.

އޮޑިންގާ ހުވާ ކުރުމުގެ ރަސްމިއްޔާތު އެއްވެސް ޓީވީއަކުން ނުދެއްކުމަށް ކެންޔާއްޓާ ވަނީ އަންގަވައިފަ އެވެ. އެޓާނީ ޖެނަރަލް ވިދާޅުވެފައި ވަނީ އިދިކޮޅު ލީޑަރު ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަކީ ގައުމަށް ޣައްދާރުވުން ކަމަށެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތަށް ފަހު ސަޕޯޓަރުންނާ މުޚާތަބް ކުރައްވާ އޮޑިންގާ ވިދާޅުވީ އިންތިޚާބުތަކުގައި މަކަރާއި ހީލަތް ވެސް މިހާރު ވާވަރަށް ހެދިއްޖެ ކަމަށާއި އޭނާ ކުރިއަށް މި ނުކުމެވަޑައިގެންނެވީ އިރުމަތީ އެފްރިކާގެ ގައުމުގައި ފުރިހަމަ ޑިމޮކްރެސީއެއް ގާއިމް ކުރަން ކަމަށެވެ.