ނައިރޯބީ (ނޮވެމްބަރު 29) - ކެންޔާގެ ރައީސްކަމުގެ ހުވާ އުހުރު ކެންޔާއްޓާ އިއްޔެ ކުރައްވާފައި ވަނިކޮށް އެ ގައުމުގެ އިިދކޮޅު ލީޑަރު ރައިލާ އޮޑިންގާ ވެސް ވަނީ އަންނަ މަހު 12 ވަނަ ދުވަހު ރައީސްކަމުގެ ހުވާ ކުރައްވާނެކަން އިއުލާން ކުރައްވައިފި އެވެ.
"ރައީސްކަމުގެ ހުވާ އަޅުގަނޑު ކުރަނީ ކެންޔާގައި ގާނޫނީ ގޮތުން ސައްހަ ރައީސްއަކީ އަޅުގަނޑު ކަމަށްވާތީ،" ކެންޔާގެ ރައީސް ކެންޔާއްޓާ ހުވާ ކުރެއްވި ރަސްމިއްޔާތަށް ފަހު އޮޑިންގާ ވިދާޅުވި އެވެ.
އިދިކޮޅު ލީޑަރު، ވެރިކަމުގެ ހުވާ ކުރައްވައިފި ނަމަ އިރުމަތީ އެފްރިކާގެ މުއްސަނދި ގައުމުގެ ސިޔާސީ މަޝްރަހަށް އަންނާނެ ބަދަލުތަކެއް އަދި ނޭނގެ އެވެ.
ކެންޔާއްޓާ ހުވާ ކުރެއްވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތަށް ފަހު އޭނާ ވިދާޅުވީ ގައުމުގައި އޮތް ބައިބައިވުންތައް ނައްތާލައްވާނެ ކަމަށެވެ.
"އަޅުގަނޑުގެ ހުރިހާ ވަގުތަކާއި ހަކަތައެއް ހޭދަކުރާނީ ގައުމު އެކަތިގަނޑަކަށް ހެދުމަށް،" ފަސް އަހަރުގެ ދެ ވަނަ ދައުރުގެ ހުވާ ކުރެއްވުމަށް ފަހު ކެންޔާއްޓާ ވިދާޅުވި އެވެ.
ކެންޔާގައި އޮކްޓޯބަރު 26 ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ ދެ ވަނަ ބުރު 98 ޕަސެންޓުގެ ތާއީދާ އެކު ކެންޔާއްޓާ ކާމިޔާބު ކުރެއްވި އިރު އިދިކޮޅު ލީޑަރު އޮޑިންގާ ވަނީ އިންތިޚާބު ބޮއިކޮޓްކޮށްފަ އެވެ. ކެންޔާގައި އޮގަސްޓް މަހު ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލް ކުރީ މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ބުނެ އެވެ.
އޮޑިންގާ ވިދާޅުވެފައި ވަނީ ކެންޔާގެ އިންތިޚާބު ވަގަށް ނަގާފައިވާ ކަމަށެވެ.