ކެންޔާގެ އިންތިޚާބު ބާތިލްކުރަން ޖެހުނީ އިލެކްޝަން ކޮމިޝަނުގެ ސަބަބުން

ނައިރޯބީ (ސެޕްޓެމްބަރު 21) - ކެންޔާގެ ރިޔާސީ އިންތިޚާބު ބާތިލް ކުރަން ޖެހުނީ އެ ގައުމުގެ އިލެކްޝަން ކޮމިޝަނުގެ ސަބަބުން ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.


ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބުނީ އޮގަސްޓް 8 ވަނަ ދުވަހު ބޭއްވީ ދެފުށް ފެންނަ، އިތުބާރު ކުރެވޭ އިންތިޚާބެއް ނޫން ކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާ އިލެކްޝަނުން އިއުލާން ކުރީ ބަލަންވާ ވަރަށް ނުބަލާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރުގެ ނައިބް ފިލޮމެނާ ވިލޫ ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފައި ވަނީ މިހާރުގެ ރައީސް އުހުރު ކެންޔާއްޓާ އަށް ވޯޓުގެ 54 ޕަސެންޓް ލިބި އިންތިޚާބު ކާމިޔާބުކޮށްފައިވާ ކަމަށެވެ. އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާ އަށް ލިބުނީ 44 ޕަސެންޓް ކަމަށް ނަތީޖާ އިން ދައްކަ އެވެ.

އޮޑިންގާ ކޯޓަށް ވަޑައިގެންނެވީ އިންތިޚާބުގެ ނަތީޖާ އޮޅުވާފައިވާ ކަމަށް ބުނެ އެވެ. މައްސަލަ ބެލުމަށް ފަހު މި މަހު 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނިންމީ އިންތިޚާބު ބާތިލް ކަމަށާއި 60 ދުވަހުގެ ތެރޭގައި އާ އިންތިޚާބެއް ބާއްވަން ޖެހޭނެ ކަމަށެވެ. އިންތިޚާބު ބާތިލް ކުރި ސަބަބު އޭރު އިއުލާންކޮށްފައެއް ނުވެ އެވެ.

މިއީ ވޯޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ އިދިކޮޅު ކެންޑިޑޭޓަކު ހުށަހެޅި މައްސަލައަކާ ގުޅިގެން އެފްރިކާގައި އިންތިޚާބެއް ބާތިލް ކުރި ފުރަތަމަ ފަހަރެވެ.

އިދިކޮޅު ފަރާތްތަކުން މިހާރު ދަނީ އިންތިޚާބު އަލުން ބޭއްވުމުގެ ކުރިން އިލެކްޝަން ކޮމިޝަނުގައި ތިބި މެންބަރުން އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ.