ގުޖުރާތު (ސެޕްޓެމްބަރު 17) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ އުފަން ދުވަހު އާދައިގެ މަތިން މަންމަ އަށް ޚާއްސަ ޒިޔާރަތެއް ކުރައްވައިފި އެވެ.
މޯދީ ރޭ ވަނީ ގުޖުރާތަށް ވަޑައިގެންފަ އެވެ. އަދި މިއަދު ހެނދުނު ވަނީ މޯދީގެ ކޮއްކޮ ޕަންކާޖުގެ ގެއަށް ވަޑައިގެންފަ އެވެ. މޯދީގެ މަންމަ އުމުރުން 97 އަހަރުގެ ހިރަބާ ދިރިއުޅުއްވަނީ ކޮއްކޮ ޕަންކާޖުގެ ގޭގަ އެވެ. މޯދީ ދުވަސް ފެއްޓެވީ މަންމަގެ ހެޔޮ އެދުމާ އެކު އެވެ. މޯދީ ވަނީ މަންމައާ އެކު 20 މިނިޓް ހޭދަކުރައްވައިފަ އެވެ. އޭގެ ފަހުން އެމަނިކުފާން ވަނީ އެ ސަރަހައްދުގެ ކުޑަ ކުދިންނާ ބައްދަލު ކުރައްވައިފަ އެވެ.
ބޮޑު ވަޒީރު މޯދީ އުފަންވެވަޑައިގެންނެވީ ސެޕްޓެމްބަރު 17، 1950 ގަ އެވެ. މިއީ އެމަނިކުފާނުގެ 67 ވަނަ އުފަން ދުވަހެވެ. މޯދީގެ އުފަން ދުވަހު ބީޖޭޕީގެ ފަރާތުން ވެސް ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި މެޑިކަލް ކޭމްޕް ބޭއްވުމާއި ލޭ ހަދިޔާ ކުރުމާއި ސާފު ކުރުމުގެ ހަރަކާތްތައް ބޭއްވުން ހިމެނެ އެވެ.