އީރާނާއި އިރާގަށް އައި ބިން ހެލުމުގައި 135 މަރު

ތެހެރާން (ނޮވެމްބަރު 13) - އީރާނާއި އިރާގުގެ ބޯޑަރު ގުޅޭ ސަރަހައްދަށް ރިކްޓާ މިންގަނޑުން 7.3 ގެ ބާރުމިނުގައި އައި ބިންހެލުމެއްގައި މިހާތަނަށް 135 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.


އީރާނުގެ ހުޅަނގުގެ ކެރްމަންޝާހު ޕްރޮވިންސުން އެކަނިވެސް 129 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާ އިން ބުންޏެވެ. އިރާގުން ވަނީ ހަ މީހުން މަރުވެފަ އެވެ. އޮފިޝަލުން ބުނަނީ މަރުވާ މީހުންގެ އަދަދު އަދިވެސް މައްޗަށް ދާނެ ކަމަށެވެ.

ބިންހެލުމަށް ފަހު އައި ލޮޅުންތަކާ ގުޅިގެން އެތައް ބަޔަކަށް ވަނީ ބިރުވެރިކަން ކުރިމަތިވެފަ އެވެ. ގިނަ ބަޔަކު ވަނީ ގެދޮރުން ނުކުމެ ރޭގެ ގިނަ ވަގުތުތައް މަގުމަތީގައި ހޭދަކޮށްފަ އެވެ.

އެންމެ ގިނަ މީހުން މަރުވި އީރާނުގެ ސަރްޕޮލް-ޒަހަބް ޓައުނުގެ ހޮސްޕިޓަލްތައް ވެސް ވަނީ ވެއްޓިފަ އެވެ. އަދި ޒަޚަމްވި މީހުންނަށް ވަނީ ފަރުވާ ދިނުމުގައި ދަތިތަކާ ކުރިމަތިވެފަ އެވެ.

އީރާނުގެ ރެޑް ކްރެސެންޓް އޮގަނައިޒޭޝަނުގެ ވެރިޔާ މޯޓެޒާ ސާލިމް ވިދާޅުވީ ބިން ހެލުމުގައި އަށް އަވަށް އެކުގައި ހަލާކުވެފައިވާ ކަމަށެވެ. ގިނަ ހިސާބުތަކުން ވަނީ މުވާސަލާމަތީ ޚިދުމަތް ކެނޑިފަ އެވެ.

އިރާގާވީ ފަޅިން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ކުރުދިސްތާން ސަރަހައްދުގެ ސުލައިމާނިއްޔާގެ އިރުން 75 ކިލޯ މީޓަރު (47 މޭލު) ދުރުގައި އޮންނަ ޑަރްބަންދިލާން ޓައުނަށެވެ. ކުރުދީންގެ ހެލްތު މިނިސްޓަރު ރިކްވަތު ހާމާ ރަޝީދު ރޮއިޓާސް އަށް ވިދާޅުވީ އެ ޓައުނުގެ ހާލަތު ވަރަށް ގޯސް ކަމަށެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައި ވަނީ ބިންހެލުން އައިސްފައި ވަނީ އީރާނުގެ އިރު އުތުރުގެ ބޯޑަރާ ކައިރިން އަދި އިރާގުގެ ހަލަބްޖާގެ ހުޅަނގު ދެކުނުގެ ސަރަހައްދަކަށް ކަމަށެވެ. ބިމުގެ 21 މޭލު އަޑިއަށް އައި ބިންހެލުމުގެ އަސަރު ވަނީ ތުރުކީ އާއި އިޒްރޭލް އަދި ކުވޭތަށް ވެސް ކޮށްފަ އެވެ.