އީރާން-އިރާގު ބިންހެލުން: މިހާތަނަށް 400 މަރު

ތެހެރާން (ނޮވެމްބަރު 13) - އީރާނާއި އިރާގު ބޯޑަރުން ގުޅޭ ފަރުބަދަމަތީގެ ހިސާބުތަކަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 400 އަށް އަރާ، 7،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.


މީހުން ސަލާމަތްކުރާ ޓީމުތަކުން މިހާރު ދަނީ ވެއްޓިފައިވާ ބައިތަކުގެ ދަށުން ދިރިއޮއްވާ މީހަކު ފެނޭތޯ ބަލަމުންނެވެ. އީރާނުގެ މީޑިއާ އިން ބުނީ ވެއްޓިފައިވާ ބައިތަކުގެ ދަށުން އަންހެނަކާއި އޭނާގެ ކުޑަ ދަރިފުޅު ސަލާމަތްކޮށްފައިވާ ކަމަށެވެ. މިއީ މި އަހަރު ދުނިޔެ އަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ބިންހެލުމެވެ.

ބިންހެލުމުގައި ގެދޮރު ގެއްލުނު ގިނަ މީހުން ވަނީ މަގުމަތިވެފައި. --ފޮޓޯ:އީޕީއޭ

ބިންހެލުމުގައި ގިނަ މީހުން މަރުވެފައި ވަނީ ސަރްޕޮލް-ޒަހާބް ޓައުނުންނެވެ. އެ ޓައުނުގެ މައި ހޮސްޕިޓަލް ވަނީ ބިންހެލުމުގައި ހަލާކުވެފަ އެވެ.

ބިންހެލުން އައި ސަރަހައްދުތަކުން މިހާރު ވަނީ މުވާސަލާތީ، ކަރަންޓް އަދި ފެނުގެ ޚިދުމަތް ކެނޑިފަ އެވެ. ގެދޮރު ހަލާކުވި ގިނަ މީހުން ވަނީ މަގުމަތިވެފަ އެވެ. އެހީދޭ އެޖެންސީއަކުން ބުނި ގޮތުގައި 70،000 އަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.

އީރާނުގެ އޮފިޝަލުން ބުނެފައި ވަނީ ބިންހެލުމުގައި އެ ގައުމުން 407 މީހުން މަރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސިފައިންނާއި ބޯޑަރު ގާޑުން ހިމެނެ އެވެ. އިރާގުން މަރުވެފައި ވަނީ ނުވަ މީހުންނެވެ.