ވޮޝިންޓަން (ނޮވެމްބަރު 25) - އިންޑިއާގެ މުމްބާއީ އަށް 2008 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ހުރި ކަމަށް ބެލެވޭ ހާފިޒް ސައީދު ޕާކިސްތާނުގެ ކޯޓަކުން ދޫކޮށްލި ނަމަވެސް އޭނާ އަލުން ހައްޔަރުކޮށް ދިނުމަށް އެމެރިކާ އިން އެދިއްޖެ އެވެ.

އިންޑިއާ އިން ބުނެފައިވާ ގޮތުގައި މުމްބާއީ ހަމަލާގެ އިސް މޭސްތިރިއަކީ މަނާކޮށްފައިވާ ލަޝްކަރީ ތައިބާ ޖަމާއަތުގެ އިސް ލީޑަރު ސައީދެވެ. އޭނާގެ ބޮލަށް އެމެރިކާ އިން ވަނީ 10 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ.

ޕާކިސްތާން ފުލުހުން ސައީދު ހައްޔަރު ކުރީ މި އަހަރުގެ ޖެނުއަރީ މަހު ލާހޯރުގެ މިސްކިތަކުންނެވެ. އޭގެ ފަހުން އޭނާ ހުރީ ޓެރަރިޒަމް މަނާ ކުރާ ގާނޫނުގެ ދަށުން ގޭ ބަންދުކޮށްފަ އެވެ.

ސަރުކާރުން ކޯޓުގައި އެދިފައި ވަނީ އިތުރު 90 ދުވަހު އޭނާ ބަންދުގައި ބެހެއްޓުމަށެވެ. ނަމަވެސް ލާހޯރުގެ ހައި ކޯޓުން ބުރާސްފަތި ދުވަހު ނިންމާފައި ވަނީ އޭނާ ބަންދުން ވީއްލުމަށެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ ހާފިޒް ސައިދުގެ ލަސްކަރެ ތޮއިބާ އިން ވަނީ އެމެރިކާ މީހުން ވެސް ހިމެނޭ ގޮތަށް އެތައް ބަޔަކު މަރާފައި ކަމަށެވެ.

"ހާފިޒް ސައީދު އަލުން ހިފާ ހައްޔަރުކޮށް ޕާކިސްތާނުން އޭނާގެ މައްޗަށް ދައުވާ ކުރަން ޖެހޭނެ،" ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ހީތާ ނައުއާޓް ވިދާޅުވި އެވެ.

މުމްބާއީގެ ލަގްޒަރީ ހޮޓަލަށް 2008 ވަނަ އަހަރު ދިން ހަމަލާގައި 166 މީހުން މަރުވި. --ފޮޓޯ:އޭއެފްޕީ
މުމްބާއީގެ ލަގްޒަރީ ހޮޓަލަށް 2008 ވަނަ އަހަރު ދިން ހަމަލާގައި 166 މީހުން މަރުވި. --ފޮޓޯ:އޭއެފްޕީ

މުމްބާއީގައި ދިން ހަމަލާ ރޭވުމުގެ ފަހަތުގައި ވަނީ ސައީދު ކަމަށް ވޮޝިންޓަނާއި ނިއު ދިއްލީން ބުނެފައިވެ އެވެ. އެކަމަކު ސައީދު ބުނެފައި ވަނީ މުމްބާއީ ހަމަލާގައި އޭނާ ބައިވެރި ނުވާ ކަމަށެވެ.

ގޭ ބަންދުން ދޫކޮށްލުމުން ސަޕޯޓަރުންނާ ބައްދަލުކޮށް ހާފިޒް ސައީދު އިއްޔެ ބުނީ ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފަކީ ޣައްދާރެއް ކަމަށެވެ.

ނޮވެމްބަރު 26، 2008 ގައި މުމްބާއީ އަށް ދިން ހަމަލާއާ ގުޅިގެން ސައީދު ގޭ ބަންދުކުރި އެވެ. އެކަމަކު ހަ މަސް ފަހުން ޕާކިސްތާނުން އޭނާ ދޫކޮށްލީ ދައުވާ ކުރެވޭ ވަރަށް ނުވަތަ އިންޑިއާ އަށް ހަވާލު ކުރެވޭ ވަރަށް އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެވެ. މުމްބާއީ އަށް ދިން 60 ގަޑިއިރުގެ ހަމަލާގައި ވަނީ 166 މީހުން މަރުވެފަ އެވެ.

ޓެރަރިސްޓެއްގެ ގޮތުގައި އދ. އިން ވެސް ކަނޑައަޅާގައިވާ ސައިދު ބުނެފައި ވަނީ އޭނާ ހައްޔަރުކޮށްފައި ވަނީ އެމެރިކާ އިން ބާރު އަޅައިގެން ކަމަށެވެ. އަދި އޭނާ މިހާރު ހިންގާ ޖަމާއަތުއް ދައުވާ އަކީ ޗެރިޓީއެއް ކަމަށް ވެސް ބުނެފައިވެ އެވެ. ލަޝްކަރެ ތޮއިބާ އޭނާ އުފެއްދީ 1990 ގެ އަހަރުތަކުގަ އެވެ. ޖަމާއަތުއް ދައުވާ 2002 ވަނަ އަހަރު އޭނާ އުފެއްދީ ލަޝްކަރެ ތޮއިބާ މަނާކުރުމުންނެވެ.