ލާހޯރު (ނޮވެމްބަރު 29) - ޓެރަރިސްޓުންގެ ލިސްޓުން ނަން އުނިކޮށް ދިނުމަށް އެދި، އިންޑިއާގެ މުމްބާއީ އަށް 2008 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ހުރި ކަމަށް ބެލެވޭ ހާފިޒް ސައީދު އދ. އަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ހާފިޒް ސައީދުގެ ބޮލަށް އެމެރިކާ އިން ވަނީ 10 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ. ހާފިޒް ސައީދުގެ ޕެޓިޝަންގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ އެއްވެސް ކަމެއް ޕާކިސްތާނުގެ ކޯޓަކުން ސާބިތުވެފައި ނުވާ ކަމަށެވެ.
ޕާކިސްތާނުގެ ކޯޓަކުން ހާފިޒް ސައީދު މިދިޔަ ހަފުތާގައި ވަނީ ދޫކޮށްލައިފަ އެވެ. ނަމަވެސް އެމެރިކާ އިން ވަނީ އޭނާ އަލުން ހައްޔަރު ކުރަން ޕާކިސްތާނުގައި އެދިފަ އެވެ. ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ ހާފިޒް ސައިދުގެ ލަސްކަރެ ތޮއިބާ އިން ވަނީ އެމެރިކާ މީހުން ވެސް ހިމެނޭ ގޮތަށް އެތައް ބަޔަކު މަރާފައި ކަމަށެވެ. ސަރުކާރުން ކޯޓުގައި އެދިފައި ވަނީ އިތުރު 90 ދުވަހު އޭނާ ބަންދުގައި ބެހެއްޓުމަށެވެ. ނަމަވެސް ލާހޯރުގެ ހައި ކޯޓުން ނިންމާފައި ވަނީ އޭނާ ބަންދުން ވީއްލުމަށެވެ.
ޕާކިސްތާން ފުލުހުން ހާފިޒް ސައީދު ހައްޔަރު ކުރީ މި އަހަރުގެ ޖެނުއަރީ މަހު ލާހޯރުގެ މިސްކިތަކުންނެވެ. އޭގެ ފަހުން އޭނާ ހުރީ ޓެރަރިޒަމް މަނާ ކުރާ ގާނޫނުގެ ދަށުން ގޭ ބަންދުކޮށްފަ އެވެ.
ހާފިޒް ސައީދުގެ ފަރާތުން އދ. އަށް ޕެޓިޝަން ހުށަހަޅާފައި ވަނީ ލާހޯރުގެ ލޯ ފާމެއް ކަމަށްވާ މިރްޒާ ލޯ އެސޯސިއޭޓްސް އިންނެވެ.
މުމްބާއީގައި ދިން ހަމަލާ ރޭވުމުގެ ފަހަތުގައި ވަނީ ހާފިޒް ސައީދު ކަމަށް ވޮޝިންޓަނާއި ނިއު ދިއްލީން ބުނެފައިވެ އެވެ. އެކަމަކު ހާފިޒް ސައީދު ބުނެފައި ވަނީ މުމްބާއީ ހަމަލާގައި އޭނާ ބައިވެރި ނުވާ ކަމަށެވެ. ހާފިޒް ސައީދު ބުނެފައި ވަނީ އޭނާ ހައްޔަރުކޮށްފައި ވަނީ އެމެރިކާ އިން ބާރު އަޅައިގެން ކަމަށެވެ.
ނޮވެމްބަރު 26، 2008 ގައި މުމްބާއީ އަށް ދިން ހަމަލާއާ ގުޅިގެން ހާފިޒް ސައީދު ގޭ ބަންދުކުރި އެވެ. އެކަމަކު ހަ މަސް ފަހުން ޕާކިސްތާނުން އޭނާ ދޫކޮށްލީ ދައުވާ ކުރެވޭ ވަރަށް ނުވަތަ އިންޑިއާ އަށް ހަވާލު ކުރެވޭ ވަރަށް އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެވެ. މުމްބާއީ އަށް ދިން 60 ގަޑިއިރުގެ ހަމަލާގައި ވަނީ 166 މީހުން މަރުވެފަ އެވެ.
ހާފިޒް ސައީދު ބުނެފައި ވަނީ އޭނާ މިހާރު ހިންގާ ޖަމާއަތުއް ދައުވާ އަކީ ޗެރިޓީއެއް ކަމަށެވެ. ލަޝްކަރެ ތޮއިބާ އޭނާ އުފެއްދީ 1990 ގެ އަހަރުތަކުގަ އެވެ. ޖަމާއަތުއް ދައުވާ 2002 ވަނަ އަހަރު ހާފިޒް ސައީދު އުފެއްދީ ލަޝްކަރެ ތޮއިބާ މަނާކުރުމުންނެވެ.