ލަޝްކަރޭ ތޮއިބާގެ ބާނީގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް

ލާހޯރު (ފެބްރުއަރީ 13) - ޕާކިސްތާނުގެ ހަތިޔާރު އެޅި ޖަމާއަތް ލަޝްކަރެ ތޮއިބާގެ ބާނީ ހާފިޒް މުހައްމަދު ސައީދުގެ މައްޗަށް ފަސް އަހަރާއި ބައިގެ ޖަލު ހުކުމެއް އެ ގައުމުގެ އެންޓި-ޓެރަރިޒަމް ކޯޓުން އިއްވައިފި އެވެ.


އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށް ވާ މުމްބާއީ އަށް 2008 ގައި ދިން ޓެރަރިސްޓް ހަމަލާގެ މޭސްތިރި ކަމަށް ބެލެވޭ ހާފިޒް ސައީދުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ޓެރަރިޒަމަށް ފައިސާ ހޭދަކުރުމެވެ. އޭނާގެ މައްޗަށް އިއްޔެ ހުކުމްކުރީ ދެ ކުށަކަށެވެ. މަނާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގައި ހަ މަހަށް ޖަލަށްލާން ހުކުމްކުރި އިރު ފަސް އަހަރަށް ޖަލަށްލީ "ގަވާއިދާޚިލާފަށް މުދާ" ގެންގުޅުނު ކަމުގެ ކުށުގަ އެވެ.

ހާފޒް ސައީދުގެ އިތުރުން އޭނާގެ އިސް އެހީތެރިއެއް ކަމަށްވާ މާލިކް ޒަފަރު އިގުބާލްގެ މައްޗަށް ވެސް ވަނީ ފަސް އަހަރާއި ބައިގެ ޖަލު ހުކުމެއް ކޮށްފަ އެވެ.

ލަޝްކަރެ ތޮއިބާ އުފެއްދި ނަމަވެސް އުމުރުން 70 އަހަރުގެ ހާފިޒް ސައީދު ބުނެފައި ވަނީ 2001 ވަނަ އަހަރުން ފެށިގެން އެ ޖަމާއަތުގައި އޭނާގެ އެއްވެސް ރޯލެއް ނޯންނާނެ ކަމަށެވެ. މުމްބާއީގައި 2008 ވަނަ އަހަރު ބޮމުގެ ހަމަލާ ދިނުމުގެ ފަހަތުގައި ވަނީ ލަޝްކަރެ ތޮއިބާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. މުމްބާއީގެ ބޮމުގެ ހަމަލާގައި ވަނީ 166 މީހުން މަރުވެފަ އެވެ. އެ ހަމަލާގައި ބައިވެރިވީ ޕާކިސްތާންގެ ޓެރަރިސްޓުންނެވެ. އޭގެ ތެރެއިން އެންމެ މީހެއް ފިޔަވައި އެހެން އެންމެން، އިންޑިއާ ސިފައިންނާ ދެމެދު ހިނގި ބަޑީގެ ހަމަލާތަކުގައި މަރުވި އެވެ. އަތުލައިގަތް މީހާއަށް އިންޑިއާ އިން ފަހުން ވަނީ ޝަަރީއަތް ކޮށް މަރުގެ އަދަބު ދީފަ އެވެ.

ހާފިޒް ސައީދުގެ ބޮލަށް އެމެރިކާ އިން ވަނީ 10 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ.

ނޮވެމްބަރު 26، 2008 ގައި މުމްބާއީ އަށް ދިން ހަމަލާއާ ގުޅިގެން ސައީދު ގޭ ބަންދުކުރި އެވެ. އެކަމަކު ހަ މަސް ފަހުން ޕާކިސްތާނުން އޭނާ ދޫކޮށްލީ ދައުވާ ކުރެވޭ ވަރަށް ނުވަތަ އިންޑިއާ އަށް ހަވާލު ކުރެވޭ ވަރަށް އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެވެ.

ލަޝްކަރެ ތޮއިބާ މަނާކުރުމުން ހާފިޒް ސައިދު ވަނީ ޖަމާއަތުއް ދައުވާ އުފައްދައިފަ އެވެ.