އިސްލާމްއާބާދު (ޑިސެމްބަރު 3) - އަންނަ އަހަރު ޕާކިސްތާނުގައި އޮންނަ އާއްމު އިންތިޚާބުގައި ވާދަކުރާނެކަން، އިންޑިއާގެ މުމްބާއީ އަށް 2008 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ހުރި ކަމަށް ބެލެވޭ ހާފިޒް ސައީދު އިއުލާންކޮށްފި އެވެ.

އެމެރިކާ އިން އޭނާގެ ބޮލަށް 10 މިލިއަން ޑޮލަރު ހުށަހަޅައިފައިވާ ހާފިޒް ސައީދު އިންތިޚާބަށް ނުކުންނަނީ މިއްލި މުސްލިމް ލީގު (އެމްއެމްއެލް) ގެ ފަރާތުންނެވެ. ނަމަވެސް އޭނާ އިންތިޚާބަށް ނުކުންނަ ދާއިރާ ހާމަކޮށްފައެއް ނުވެ އެވެ.

ހާފިޒް ސައީދު ދާދި ފަހުން ވަނީ ޓެރަރިސްޓުންގެ ލިސްޓުން އޭނާ އުނިކޮށް ދިނުމަށް އެދި އދ. އަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.

ޕާކިސްތާނުގެ ކޯޓަކުން ހާފިޒް ސައީދު ދާދި ފަހުން ވަނީ ގޭ ބަންދުން ދޫކޮށްލައިފަ އެވެ. ޕާކިސްތާން ފުލުހުން ހާފިޒް ސައީދު ހައްޔަރު ކުރީ މި އަހަރުގެ ޖެނުއަރީ މަހު ލާހޯރުގެ މިސްކިތަކުންނެވެ. އޭގެ ފަހުން އޭނާ ހުރީ ޓެރަރިޒަމް މަނާ ކުރާ ގާނޫނުގެ ދަށުން ގޭ ބަންދުކޮށްފަ އެވެ. ސަރުކާރުން ކޯޓުގައި އެދިފައި ވަނީ އިތުރު 90 ދުވަހު އޭނާ ބަންދުގައި ބެހެއްޓުމަށެވެ. ނަމަވެސް ލާހޯރުގެ ހައި ކޯޓުން ނިންމާފައި ވަނީ އޭނާ ބަންދުން ވީއްލުމަށެވެ.

މުމްބާއީގައި ދިން ހަމަލާ ރޭވުމުގެ ފަހަތުގައި ވަނީ ހާފިޒް ސައީދު ކަމަށް ވޮޝިންޓަނާއި ނިއު ދިއްލީން ބުނެފައިވެ އެވެ. އެކަމަކު ހާފިޒް ސައީދު ބުނެފައި ވަނީ މުމްބާއީ ހަމަލާގައި އޭނާ ބައިވެރި ނުވާ ކަމަށެވެ. ހާފިޒް ސައީދު ބުނެފައި ވަނީ އޭނާ ހައްޔަރުކޮށްފައި ވަނީ އެމެރިކާ އިން ބާރު އަޅައިގެން ކަމަށެވެ.

ނޮވެމްބަރު 26، 2008 ގައި މުމްބާއީ އަށް ދިން ހަމަލާއާ ގުޅިގެން ހާފިޒް ސައީދު ގޭ ބަންދުކުރި އެވެ. އެކަމަކު ހަ މަސް ފަހުން ޕާކިސްތާނުން އޭނާ ދޫކޮށްލީ ދައުވާ ކުރެވޭ ވަރަށް ނުވަތަ އިންޑިއާ އަށް ހަވާލު ކުރެވޭ ވަރަށް އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެވެ. މުމްބާއީ އަށް ދިން 60 ގަޑިއިރުގެ ހަމަލާގައި ވަނީ 166 މީހުން މަރުވެފަ އެވެ.

ހާފިޒް ސައީދު ބުނެފައި ވަނީ އޭނާ މިހާރު ހިންގާ ޖަމާއަތުއް ދައުވާ އަކީ ޗެރިޓީއެއް ކަމަށެވެ. ލަޝްކަރެ ތޮއިބާ އޭނާ އުފެއްދީ 1990 ގެ އަހަރުތަކުގަ އެވެ. ޖަމާއަތުއް ދައުވާ 2002 ވަނަ އަހަރު ހާފިޒް ސައީދު އުފެއްދީ ލަޝްކަރެ ތޮއިބާ މަނާކުރުމުންނެވެ.