އެމްބަސީތައް ގުދުސަށް ބަދަލުކުރުމަށް އިޒްރޭލުން އާދޭސް ކުރަނީ

އިޒްރޭލުގައި ހުންނަ އެކި ގައުމުތަކުގެ އެމްބަސީތައް ގުދުސަށް ބަދަލުކޮށްދިނުމަށް އެދި އިޒްރޭލު ސަރުކާރުން އެ ގައުމުތަކުގައި އާދޭސް ކުރަން ފަށައިފި އެވެ.


އިޒްރޭލުގެ ޚާރިޖީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ޒީޕީ ހޮތޮވެލީ ވިދާޅުވި ގޮތުގައި، ގުދުސަށް އެމްބަސީތައް ބަދަލުކޮށްދިނުމަށް އެދި މިހާރު އަންނަނީ މަދުވެގެން 10 ގައުމަކާ އެކު ވާހަކަ ދައްކަމުންނެވެ. ނަމަވެސް އެއީ ކޮން ގައުމުތަކެއް ކަމެއް އިޒްރޭލު ސަރުކާރުން ރަސްމީކޮށް އަދި ނުބުނެ އެވެ.

ނަމަވެސް އިޒްރޭލު ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ އިޒްރޭލު ރޭޑިއޯ އިން ބުނި ގޮތުގައި، އެ ކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކި ގައުމުތަކުގެ ތެރޭގައި ހޮންޑިއުރަސް، ފިލިޕީންސް، ރޫމޭނިއާ އަދި ދެކުނު ސޫދާން ހިމެނެ އެވެ.

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އިއުތިރާފްވެ އިޒްރޭލުގައި ހުންނަ އެމްބަސީ ގުދުސަށް ބަދަލުކުރުމަށް އެންމެ ފުރަތަމަ ނިންމީ އެމެރިކާ އިންނެވެ. މި މަހުގެ ހަ ވަނަ ދުވަހު އެމެރިކާ އިން ނިންމި އެ ނިންމުމަށް ތަބާވެ، މި ހަފުތާގެ ހޯމަ ދުވަހު ގުއަޓެމާލާ އިން ވެސް ވަނީ އެ ގައުމުގެ އެމްބަސީ ގުދުސަށް ބަދަލުކުރުމަށް ނިންމައި އެކަން އިއުލާން ކޮށްފަ އެވެ.

އަނެއްކޮޅުން އެމެރިކާގެ މުހިންމު ބައިވެރިއެއް ކަމަށްވާ ޖަޕާނުން އިއްޔެ ބުނެފައިވަނީ އެ ގައުމުގެ އެމްބަސީ ގުދުސަށް ބަދަލު ނުކުރާނެ ކަމަށެވެ.

އުރްދުންގައި އެ ގައުމުގެ ޚާރިޖީ ވަޒީރާ ބައްދަލު ކުރެއްވުމަށް ފަހު ޖަޕާންގެ ޚާރިޖީ ވަޒީރު ޓާރޯ ކޯނޯ ވިދާޅުވި ގޮތުގައި ގުދުސްގެ މިލްކުވެރިކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމޭނީ އިޒްރޭލާއި ފަލަސްތީނާ ދެމެދު މަޝްވަރާ ކޮށްގެން އަދި ބައިނަލްއަގުވާމީ ގަރާރުތަކާ ފުށުނާރާނެ ގޮތަކަށެވެ.

އެމެރިކާ އެމްބަސީ ގުދުސަށް ބަދަލު ކުރުމަށް ނިންމި ނިންމުމާ ދެކޮޅަށް ދުނިޔޭގެ އެކި ގައުމުތަކުގައި މުޒާހަރާ ކުރަމުންދާ އިރު، މިދިޔަ ބުރާސްފަތި ދުވަހު އދ.ގެ އާންމު މަޖިލީހުން ވަނީ އެމެރިކާގެ ނިންމުމާ ދެކޮޅަށް ހުށަހެޅި ގަރާރެއް 128 މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފަ އެވެ. އެ ގަރާރާ ދެކޮޅަށް އެމެރިކާއާ ބައިވެރިވީ އެންމެ އަށް ގައުމެވެ. އޭގެ ތެރޭގައި ގުއަޓެމާލާ ވެސް ހިމެނެ އެވެ.

އިޒްރޭލުން އިރުމަތީ ގުދުސް ހިފީ 1967 ވަނަ އަހަރު އަރަބީންނާއި އިޒްރޭލާ ދެމެދު ކުރި ހަ ދުވަހުގެ ހަނގުރާމައިގަ އެވެ. އެ ހަނގުރާމައިގައި އިރުމަތީ ގުދުސް އަޅުވެތިކުރި ގޮތަށް އިޒްރޭލުން ބުނަމުން އަންނަނީ އެއީ ޔަހޫދީންގެ ބިމެއް ކަމަށާއި ގުދުސަކީ އިޒްރޭލުގެ މިނިވަން ދައުލަތުގެ ވެރިރަށް ކަމަށެވެ. ނަމަވެސް އިޒްރޭލު އަމިއްލަ އަށް ނިންމި ނިންމުން ބައިނަލްއަގުވާމީ މުޖްތަމައުން މިހާތަނަށް ބަލައިގެންފައެއް ނުވެ އެވެ.

އިޒރޭލުން އިރުމަތީ ގުދުސް ހިފުމާ އެކު، ލެޓިން އެމެރިކާގެ ބައެއް ގައުމުތަކުގެ އެމްބަސީތައް ގުދުސްގައި ހުޅުވި އެވެ. ނަމަވެސް ގުދުސަކީ އިޒްރޭލުގެ ބިމެއް ކަމަށް ހަދައިގެން އުޅޭ އުޅުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާ ޚިލާފު ނިންމުމެއް ކަމަށް އދ.ގެ ސަލާމަތީ މަޖިލީހުން 1980 ވަނަ އަހަރު ގަރާރެއް ފާސްކުރުމާ ގުޅިގެން އެ އެމްބަސީތައް ވަނީ އިޒްރޭލުގެ ވެރިރަށް ތެލް އަބީބް އަށް ބަދަލުކޮށްފަ އެވެ.