އީރާން އުތުރި އަރަން ފެށީ ކީއްވެ؟

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އީރާނުން ފެންނަމުން އެ ދަނީ އެ ގައުމުން އާންމުކޮށް ފެންނަ މަންޒަރެއް ނޫނެވެ. އެ ގައުމުގެ އެންމެ ބައި ބޯ ސަހަރުތަކުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި އެންމެ ފާހަގަ ކުރެވޭ ކަމަކީ، ގައުމުގެ ރޫހާނީ ލީޑަރާ ދެކޮޅު ޝިއާރުތައް ފައުޅުކޮށް އެއީ ޚުދުމުޚުތާރު ވެރިއެއް ކަމަށް ކުރާ ތުހުމަތުތަކެވެ.


އީރާނުގެ ރޫހާނީ ލީޑަރަކީ އެ ގައުމުގެ އެންމެ މަތީ ވެރިޔާ އަށް ވުމުގެ އިތުރުން، އާދަކާދައިގެ މަތިން މުޅި ގައުމު "އިހްތިރާމް ކުރަންޖެހޭ ބޭފުޅެއް"ގެ ގޮތުގައި ބެލެވެމުން އައި މަގާމެކެވެ. އާޔަތުﷲ ޚުމައިނީގެ އިންގިލާބަށް ފަހު، އީރާންގެ ދާޚިލީ އަދި ޚާރިޖީ ކަންކަމުގައި އެންމެ ފަހު ބަސް ވިދާޅުވުމުގެ ބާރު އޮންނަނީ ރޫޙާނީ ލީޑަރުގެ އަތްމަތީގަ އެވެ.

ވޭތުވެ ދިޔަ ގާތްގަނޑަކަށް ސާޅިހަކަށް އަހަރުގެ ތާރީޚުގައި ވެސް، އެ ގައުމުގައި މުޒާހަރާތައް ކޮށްފައި ވިޔަސް، ރޫހާނީ ލީޑަރާ ދެކޮޅަށް ފާޅުގައި އަޑު އުފުލައި އިހްތިރާމް ކުޑަވާ ފަދަ އިބާރާތްތަކުން މުޚާތަބު ކޮށްފައިވަނީ ވަރަށް މަދު ފަހަރެއްގަ އެވެ. އެފަދަ ކަމެއް ނުހިނގަޔޭ ބުންޏަސް ރަނގަޅު ވާނެ އެވެ.

ނަމަވެސް މީގެ ހަފުތާއެެއްހާ ދުވަސް ކުރިން ފެށި މުޒާހަރާ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ވަރުގަދަވަމުން އަންނަ އިރު އެންމެ ގިނަ ބަޔަކު ފާޅުގައި އަޑު އުފުލަމުންދަނީ ރޫހާނީ ލީޑަރާ ދެކޮޅަށެވެ. ނަމަވެސް "ގައުމުގެ ބައްޕަ"ގެ ގޮތުގައި ބަލައި އެންމެން އިހްތިރާމް ކުރަމުން އައި ބޭފުޅަކާ މެދު އެހާ ބޮޑު ނަފްރަތްތެރިކަމެއް އުފެއްދި ސަބަބުތަކަކީ ކޮބައި ހެއްޔެވެ؟

އީރާންގައި މިހާރު ކުރަމުންދާ މުޒާހަރާގެ ބައިވެރިން ޔުނިވަސިޓީއެއްގެ ބޭރުގައި ސަރުކާރާ ދެކޮޅަށް އަޑު އުފުލަނީ

ގިނަ ބަޔަކު ދެކޭ ގޮތުގައި އީރާންގެ ވެރިން ހެދިހާ ގޮތެއް ހަދަން ދޫކޮށްލައިގެން ރައްޔިތުން ތިބުމުގެ ސަބަބުން، ރައްޔިތުންގެ އިހްސާސްތައް ވެރިންނަކަށް ނޭނގުނެވެ. ތަކެތީގެ އަގުތައް އިންތިހާ އަށް އުފުލިގެން ގޮސް ހައިހޫނުކަން އުފެދޭ ދަރަޖަ އަށް ގައުމުގެ ހާލަތު ދިޔައީ، ރައްޔިތުންގެ ކިޔަމަންތެރިކަމުގެ ނާޖާއިޒު ފައިދާ ގައުމުގެ ވެރިން ނަގަން ފެށުމުންނެވެ.

އެއް ބަޔަކު ސިފަ ކުރާ ގޮތުގައި މިހާރު އީރާންގައި ކުރަމުންދާ މުޒާހަރާތަކަކީ ހައިހޫނު ކަމުގެ އިންގިލާބެކެވެ. ވެރިން ކުޅެމުން އައި ސިޔާސީ ކުޅިގަނޑަށް ރައްޔިތުން ފާޑުކިޔައި ޚިޔާލު ފާޅުކުރާ ހިސާބަށް ދިޔައީ، އެ ކުޅިގަނޑުގެ އަސަރު އެ މީހުންގެ އަރުތެރެއަށް ފޯރަން ފެށުމުންނެވެ. ވޭތުވެ ދިޔަ ހައެއްކަ މަސް ތެރޭގައި ކާބޯތަކެތީގެ އަގުތައް 30-40 ޕަސެންޓް މައްޗަށް ގޮސްފައިވާ އިރު، އެކަން ހައްލު ކުރުމަށް ސަރުކާރުން ފިޔަވަޅެއް ނޭޅި އެވެ.

އީރާންގެ އިދިކޮޅު ސިޔާސީ ލީޑަރުން ވިދާޅުވާ ގޮތުން ސަރުކާރުން ގެންގުޅެމުން އައީ ރައްޔިތުން އޮބިއެޅުވުމާއި ތަފާތު ކުރުމުގެ ސިޔާސަތެކެވެ. ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް ހުޅުވައިލާ ކޮންމެ އަނގައެއް ގޮށްމުށުގެ ބާރުގައި ބަންދުކުރަމުން އައި އިރު، ގައުމުން ބޭރުގައި އުޅުނު އިދިކޮޅު ކިތަންމެ މީހަކު ވަނީ މަރާލައިފަ އެވެ. އަދި ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް ފާޑުކިޔަމުން އައި ނޫސް މަޖައްލާތަކާއި ވެބްސައިޓްތައް ހުއްޓުވާފައިވާ އިރު، ސަރުކާރާ ދެކޮޅު ހަރަކާތްތެރިން ވަނީ ޖަލުގައި ބަންދުކޮށްފަ އެވެ.

އެ ހުރިހާ ކަމަށް އީރާން ރައްޔިތުން ތިބީ މި ހުރިހާ ދުވަހު ވެސް ކެތް ކޮށްގެންނެވެ. ނަމަވެސް ހައިހޫނުކަމާ ހިސާބަށް ގައުމުގެ ހާލަތު ވެއްޓުމުން އޭގެ އަސަރު ކޮންމެ މީހަކަށް ފޯރަން ފެށީ އެވެ. ސަރުކާރާ އިދިކޮޅު ފަރާތްތަކެކޭ އެއްފަދައިން ސަރުކާރަށް ތާއީދު ކުރާ މީހުންނަށް ވެސް އެކަމުގެ އަސަރު ފޯރަން ފެށުމުން ރައްޔިތުން އިޚްތިޔާރު ކުރީ މަގުތަކެވެ.

އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ

ތަކެތީގެ އަގުތައް އުފުލި ހައިހޫނުކަމާ ހަމައަށް ދިޔައިރު، އީރާންގެ މުދަލާއި ފައިސާތައް އެ ގައުމުގެ ރައްޔިތުންނަށް ފެންނަމުން ދިޔައީ، ސައޫދީގެ އެކި އަމާޒުތަކަށް ހަމަލާ ދިނުމަށް ފޮނުވައިލާ ބެލެސްޓިކް މިސައިލްތަކުންނެވެ. ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވަމުންދާ އީރާން ސިފައިންނަށް ހޭދަކުރަމުންދާ މިލިއަން ޑޮލަރުގެ ފައިސާތަކުގެ ހަގީގީ ބޭނުމަކީ ކޮބައިތޯ އީރާން ރައްޔިތުން ސުވާލު ކުރެ އެވެ.

ޔަމަންގެ ދާޚިލީ ހަނގުރާމައިގައި އިދިކޮޅު ހޫތީ ހަނގުރާމަވެރިންނަށް އީރާނުން ދަނީ ފައިސާ އާއި ހަތިޔާރުގެ އެހީ ފޯރުކޮށްދެމުންނެވެ. ލުބްނާންގެ ހިޒްބުﷲ އަށް ހަތިޔާރު ފޯރުކޮށްދެނީ އީރާނުން ކަމަށް ހިޒްބުﷲ އިން ވަނީ އިއުތިރާފްވެފަ އެވެ. ހިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލް ހަސަން ނަސްރުﷲ ވިދާޅުވި ގޮތުގައި އީރާންގައި ފައިސާ ހުރިހާ ހިނދަކު ހިޒްބުﷲގައި ފައިސާ ހުންނާނެ އެވެ. އަދި އީރާންގައި ހަތިޔާރު ހުރިއްޔާ އެ ޖަމާއަތުގައި ވެސް ހަތިޔާރު ހުންނާނެ އެވެ.

އީރާން ސަރުކާރުގެ ސިޔާސަތުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭ އެއް ބަޔަކީ އެ ގައުމުގެ އާންމުު ރައްޔިތުންނެވެ. އިސްލާމީ އިންގިލާބުގެ ކުރިން އީރާންގެ ޕާސްޕޯޓަކީ ވިސާއާ ނުލައި ގިނަ ގައުމުތަކަށް ދަތުރުކުރެވޭ އެއްޗެކެވެ. ނަމަވެސް 1979ގެ އިންގިލާބަށް ފަހު، އީރާންގެ ސިޔާސަތަށް އައި ބޮޑު ބަދަލުގެ ސަބަބުން، ބައިނަލްއަގުވާމީ ޕާސްޕޯޓްތަކުގެ ލިސްޓުގެ އެންމެ ފުލުގައި މިހާރު އޮތީ އީރާން ޕާސްޕޯޓެވެ.

އެހެން ކަމުން އީރާންގެ ޕާސްޕޯޓްގައި ދަތުރުކުރާ މީހަކަށް ވިލާތުގެ ގައުމުތަކާއި އެމެރިކާ އަދި އެމެރިކާއާ ގުޅުން ބަދަހި ގައުމުތަކަށް ދަތުރުކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. މި ކަމުގެ އުނދަގުލާއި ދަތިކަން އެންމެ ބޮޑަށް އުފުލަންޖެހޭ ބަޔަކީ އެހެން ގައުމުތަކުގައި ތައުލީމް ހާސިލްކުރާ އީރާންގެ ދަރިވަރުންނާއި އެހެން ގައުމުތަކުގައި ވަޒީފާ އަދާކުރާ އީރާން ރައްޔިތުންނެވެ. އެންމެ ފަހުން، އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ އެގައުމަށް އީރާން ރައްޔިތުން ވަނުން މުޅިން މަނާ ކޮށްފަ އެވެ.

އީރާންގެ އަންހެނުންނާއި ޒުވާނުންގެ ބޮޑު ތާއީދަކާ އެކު ރިއާސީ ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި ރައީސް ހަސަން ރޫހާނީ

އީރާނާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖްތަމައުން އަޅާފައިވާ މިފަދަ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ސީދާ ގޮތުން ކުރަނީ އީރާންގެ އިގްތިސާދަށާއި ވިޔަފާރި އަށެވެ. އެމެރިކާ އާއި އިޒްރޭލަށް ފާޅުގައި ބަސްބުނަން ކެރޭ އިސްލާމީ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އީރާންގެ ނަން ފާހަގަކޮށްލެވޭ އިރު، އެ ގައުމުގެ ރައްޔިތުން ގައުމުގެ ތެރޭގައި ދިރިއުޅެނީ ކޮން ހާލަތެއްގައި ކަން ދުނިޔޭގެ ލޯތަކަށް ނުފެނެ އެވެ.

އެހެންކަމުން އީރާން ރައްޔިތުން އިޚްތިޔާރު ކުރީ މަގުތަކެވެ؛ "ރޫހާނީ އަށް މަރު"، "ޑިކްޓޭޓަރަށް މަރު"، "ސީރިޔާ އިން އީރާނު ސިފައިން ބާލައި އަހަރެމެންނާ މެދު ވިސްނަ ބަލަ"، "ޣައްޒާ އާއި ލުބްނާންގެ ކަންކަމަށް ނުވަދޭ"، އީރާންގެ ކަންކަމާ އުޅޭ"، "ހިޒްބުﷲ އަށް މަރު"، އީރާންގެ މައި ސަހަރުތަކުގައި މިހާރު ކުރަމުންދާ މުޒާހަރާގައި އެންމެ ގިނަ ބަޔަކު އެންމެ ބާރަށް އުފުލަމުންދާ އަޑުތަކަކީ މި އެވެ.

އީރާންގެ ރައީސަކީ ހަސަން ރޫހާނީ އެވެ. ޑިކްޓޭޓަރުގެ ނަމުން އީރާންގެ އިދިކޮޅު ފަރާތްތަކުން މުޚާތަބު ކުރަނީ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އަށެވެ.