ތެހެރާން (ޖެނުއަރީ 3) - އީރާނުގައި ހިންގަން ފެށި ހަމަނުޖެހުންތަކުގެ އަޑީގައި ތިބީ ގައުމުގެ ދުޝްމަނުން ކަމަށް ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އީރާނުގައި ހަމަނުޖެހުންތައް ހިންގަން ފެށި ފަހުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ޚާމަނާއީ ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި އީރާނުގެ ދުޝްމަނުން ވަނީ ގައުމުގައި ހަމަނުޖެހުން ހިންގަން ތަފާތު ވަސީލަތްތައް ބޭނުންކޮށްފައި ކަމަށެވެ.
"މީގެ ތެރޭގައި ފައިސާގެ ނުފޫޒާއި ހަތިޔާރު، ސިޔާސީ ގޮތުންނާއި ޖާސޫސްކޮށްގެން ވެސް ވަނީ އީރާނުގައި ހަމަނުޖެހުން ހިންގަން މަސައްކަތްކޮށްފައި،" ޚާމަނާއީގެ ރަސްމީ ވެބްސައިޓުގައި ލިޔުއްވާފައިވެ އެވެ.
އީރާނުގައި އެންމެ ފަހުން ހިންގަން ފެށި ހަމަނުޖެހުންތަކާ ގުޅޭ ގޮތުން، ހާލަތު ތަންދިނުމުން، ގައުމާ މުޚާތަބް ކުރައްވާނެ ކަމަށް ޚާމަނާއީ ވިދާޅުވި އެވެ.
ތަޖްރިބާކާރުން ބުނަނީ ދުޝްމަނުން ކަމަށް ޚާމަނާއީ އިޝާާރާތް ކުރައްވާފައި ވަނީ އިޒްރޭލާއި އެމެރިކާ އަދި ސައުދީ އަރަބިއާ އަށް ކަމަށެވެ.
ތެހެރާނުގެ ރިވޮލިއުޝަނަރީ ކޯޓުގެ ވެރިޔާ މޫސާ ގަޒަންފަރްއާބާދީ ވިދާޅުވީ މުޒާހަރާތައް ހިންގުމުގައި އިސްކޮށް ތިބި މީހުންނަށް ހަރުކަށި އަދަބު ދޭނެ ކަމަށެވެ. ނަމަވެސް ރައީސް ހަސަން ރޫހާނީ ވަނީ މުޒާހަރާ ކުރުމަކީ ވެސް ފުރުސަތެއް ކަމަށާއި އެއީ ބިރެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. ރޫހާނީ އަދި ވިދާޅުވީ އިހްތިޖާޖް ކުރަން މަގުތަކަށް ނުކުތުމަކީ ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށާއި އެކަމަކު ގާނޫނު މުގުރާ މީހުންނަށް އަދަބު ދޭނެ ކަމަށެވެ.
އީރާނުގެ ޕާލަމެންޓުގެ ބައެއް މެންބަރުން ވިދާޅުވާ ގޮތުގައި އީރާނުގައި މިހާރު ހިންގާ ހަމަނުޖެހުންތަކުގެ ފައިދާ އެމެރިކާ އިން ދަނީ ނަގަމުންނެވެ.
އީރާނުގައި ހިންގާ ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ ބޭރުގެ ދުޝްމަނުން ކަމަށް ޚާމަނާއީ ވިދާޅުވި ވާހަކަތައް ވަނީ އދ. އަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ ސަފީރު ނިއްކީ ހާލޭ ދޮގު ކުރައްވައިފަ އެވެ.