ޗައިނާގެ ޖައްވީ ލެބް މާދަމާ ދުނިޔެ އަށް ވެއްޓޭނެ

ބެއިޖިން (އެޕްރީލް 1) - ޗައިނާ އިން ޖައްވަށް ދޫކޮށްލާފައިވާ، މިހާރު ބޭނުން ނުކުރާ، ސްޓޭޝަނުގެ ބައިތައް މާދަމާ ދުނިޔެ އަށް ވެއްޓޭނެ ކަމަށް ސައެންސްވެރިން ބުނެފި އެވެ.


ޗައިނާގެ ޖައްވީ ސްޓޭޝަނުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ސްޓޭޝަން ދުނިޔޭގެ އެޓްމޯސްފިއާ އަށް ވަންނާނެ ކަމަށެވެ. ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީއެސްއޭ) އިން ވެސް ލަފާކޮށްފައި ވަނީ ޗައިނާގެ ސްޓޭޝަން މާދަމާ ވެއްޓޭނެ ކަމަށެވެ.

ޖައްވީ ސްޓޭޝަން ޓިއަންގޮން-1 އަކީ ޗައިނާގެ އުއްމީދީ ޖައްވީ ޕްރޮގްރާމުގެ ބައެކެވެ. ޗައިނާގެ އުއްމީދަކީ މީހުންނާ އެކު ޖައްވީ ސްޓޭޝަނެއް 2022 ގައި ގާއިމްކުރުމެވެ. ޗައިނާގެ ޖައްވީ ސްޓޭޝަން އޯބިޓަށް ދޫކޮށްލާފައި ވަނީ 2011 ވަނަ އަހަރު އެވެ. އަދި ފަސް އަހަރު ފަހުން ވަނީ ސްޓޭޝަނުގެ މިޝަން ފުރިހަމަކޮށްފަ އެވެ.

ދުނިޔޭގެ އެޓްމޯސްފިއާ އަށް ވަންނަ އިރު ސްޓޭޝަނުގެ ބޮޑުބައި އަނދާނެ އެވެ. ނަމަވެސް ސްޓޭޝަނުގެ ބައެއް ބައިތައް ދުނިޔެ އަށް ވެއްޓޭނެ އެވެ.

ޗައިނާ އިން 2016 ވަނަ އަހަރު ވަނީ ޓިއަންގޮން-1 އާ ގުޅުން ކެނޑިފައިވާ ކަމަށް ބުނެފަ އެވެ. އަދި ސްޓޭޝަނުގެ ކޮންޓްރޯލް ގެއްލިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޓިއަންގޮން-1 ވެއްޓޭއިރު އޭގެ ސްޕީޑް ގަޑިއަކު 26،000 ކިލޯ މީޓަރަށް އަރާނެ އެވެ. ދުނިޔޭގެ އެޓްމޯސްފިއާ އަށް ވަންނަ އިރު 8.5 ޓަނުގެ ސްޓޭޝަނުގެ ބައިތައް ވަކިވާނެ އެވެ.