އެކްސިޑެންޓްވި ބަހުގައި 40 ކުދިން ތިބި ކަމަށްވޭ.
10 އެޕްރީލް 2018 - 01:15
ޝިމްލާ (އެޕްރީލް 10) - އިންޑިއާގެ ފަރުބަދަ މަތީގެ ސަރަހައްދަކުން ދުއްވާފައި ދިޔަ ބަހެއް ވެއްޓުމުގެ ސަބަބުން 30 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
މަރުވި މީހުންގެ ތެރޭގައި 27 ސްކޫލް ކުދިން ހިމެނެ އެވެ. އެއީ މުޅިން ވެސް 10 އަހަރުން ދަށުގެ ކުދިން ކަމަށް ފުލުހުން ބުންޏެވެ. ހޯމަ ދުވަހު ހަވީރު ހިނގި މި އެކްސިޑެންޓްގައި ދެން މަރުވެފައި ވަނީ ދެ ޓީޗަރުންނާއި ބަސް ޑްރައިވަރެވެ.
ބަސް އެކްސިޑެންޓް ހިނގާފައި ވަނީ އުތުރުގެ ހިމާޗަލް ޕްރަދޭޝްގަ އެވެ. ސްޓޭޓުގެ ވެރިރަށް ޝިމްލާއާ 325 ކިލޯ މީޓަރު (200 މޭލު) ދުރުގައި ހިނގި އެކްސިޑެންޓްގައި ފަރުބަދަ މަތިން ވެއްޓުނު ބަހުގައި 40 ކުދިން ތިބި ކަމަށްވެ އެވެ. ފުލުހުން ބުނީ ބަސް ފުރޮޅެމުން ގޮސް ވެއްޓިފައި ވަނީ 200 ފޫޓު މަތިން ކަމަށެވެ. އިންޑިއާގެ ޑިޒާސްޓާ ރިލީފް ފޯސް އިން މިހާރު ދަނީ އެއްވެސް މީހަކު ބަހުގައި ތާށިވެފައިވޭތޯ ބަލަމުންނެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި ބަސް ވެއްޓިފައި ވަނީ ފަރުބަދައެއްގެ ކޮޅުން އަނބުރާލަން އުޅެނިކޮށް ކައްސާލައިގެން ކަމަށެވެ.
މި އެކްސިޑެންޓުގެ ފުރިހަމަ ތަހްގީގެއް ހިންގުމަށް ކަމާބެހޭ އޮފިޝަލުން ވަނީ ގޮވާލައިފަ އެވެ. އިންޑިއާގައި މަގުމަތީގެ އެކްސިޑެންޓްތައް ހިނގުމަކީ އާއްމު ކަމެކެވެ. ގިނަ އެކްސިޑެންޓްތައް ހިނގަނީ ޑްރައިވަރުންގެ ފަރުވާ ކުޑަވުމުންނާއި ވެހިކަލްތަކުގެ މެއިންޓެނެންސް ނުބަލަހައްޓާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިޔުންތެރިއެއް7
10 April 2018
??ހާދަހާ ދެރައޭދޯ