އެމެރިކާގެ ކޮންގްރެސްގެ ފުރަތަމަ މުސްލިމް އަންހެނަކަށް ފަަލަސްތީން ދަރިކޮޅު މީހެއް

މިޝިގަން (އޮގަސްޓް 9) - އެމެރިކާގެ ކޮންގްރެސް އަށް ފުރަތަމަ ފަހަރަށް ހޮވިވަޑައިގެންނެވި މުސްލިމް އަންހެން މެންބަރުގެ ޝަރަފް ފަލަސްތީނުން ހިޖުރަކުރި އާއިލާއަކަށް ނިސްބަތްވާ ރާޝިދާ ތަލީބް ހޯދައިފި އެވެ.


ނޮވެމްބަރު މަހު އޮންނަ މިޑް ޓާމް އިންތިޚާބަށް މިޝިގަންގެ ޑިޓްރޮއިޓް ސިޓީން ވާދަކުރާ ކެންޑިޑޭޓެއް ހޮވަން ޑިމޮކްރެޓިކް ޕާޓީން އިއްޔެ ބޭއްވި ޕްރައިމަރީ ރާޝިދާ ކާމިޔާބު ކުރެއްވުމާ އެކު އޭނާއާ ދެން ވާދަކުރާނެ ކެންޑިޑޭޓެއް ނެތެވެ. ރިޕަބްލިކަން ޕާޓީން އަދި ތިން ވަނަ ޕާޓީއަކުން ވެސް ކެންޑިޑޭޓެއް ނެރެފައި ނުވާތީ މިޑްޓާމް އިންތިޚާބަށް ފަހު، ދެ އަހަރުގެ ޓާމެއްގައި ރާޝިދާ އަށް ހައުސް އޮފް ރިޕްރެޒެންޓެޓިވްސް އަށް ޖެނުއަރީ މަހު ވަދެވަޑައިގެންނެވޭނެ އެވެ.

"ނުވާނެ ކަމަށް ގިނަ ބަޔަކު ހީކުރި ކަމެއް ހަގީގަތަކަށް ހަދައިދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ. ކޮންގްރެސްގައި ރައްޔިތުންނަށް ޚިދުމަތް ކުރަން މިހުރީ ކެތްމަދުވެފައި،" ރާޝިދާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ކޮންގްރެސް އަށް ފުރަތަމަ ފަހަރަށް އަންހެން މެންބަރަކު މި ހޮވުނީ އެމެރިކާގެ ކޮންގްރެސްގެ ގޮނޑިއެއް މުސްލިމަކު ފުރަތަމަ ފަހަރަށް ހޯދިތާ 12 އަހަރު ފަހުންނެވެ. އެމެރިކާގެ ކޮންގްރެސް އަށް ހޮވުނު ފުރަތަމަ މުސްލިމަކީ މިނެސޮޓާގެ ގޮނޑި 2006 ވަނަ އަހަރުކާމިޔާބު ކުރެއްވި ކެއިތު އެލިސަން އެވެ. އޭގެ ފަހުން މުސްލިމް ދެ ވަނަ މެންބަރެއްގެ ގޮތުގައި ކޮންގްރެސް އަށް އިންތިޚާބުވީ އިންޑިއާނާގެ ގޮނޑި 2008 ވަނަ އަހަރު ކާމިޔާބު ކުރެއްވި އަންދްރޭ ކާސަން އެވެ.

ރާޝިދާ ވަނީ 2009-2014 އަށް މިޝިގަން ސްޓޭޓް އެސެމްބްލީގައި ވެސް ޚިދުމަތް ކުރައްވައިފަ އެވެ. ގާނޫނީ ރޮނގުން ޑިގްރީ ހާސިލް ކުރައްވާފައިވާ ރާޝިދާ ވަނީ އެޓާނީއެއްގެ ގޮތުން ވެސް މަސައްކަތް ކުރައްވައިފަ އެވެ.

ރާޝިދާ ވަނީ އޮގަސްޓް 2016 ގައި ރައީސް ޑޮނަލްޑް ޓްރަމްޕް ޑިޓްރޮއިޓްގައި ދެއްވި ތަގްރީރަކަށް ހުރަސް އަޅުއްވައިފަ އެވެ. ރާޝިދާ ވަނީ އެ މީހުންގެ ދަރިންނަށް "މިއަށް ވުރެ ރަނގަޅު ގޮތެއް ބޭނުންވާ ކަމަށާއި" ގާނޫނު އަސާސީގައި އޮތް އެއްޗެއް ޓްރަމްޕް ވިދާޅުވުމަށް ހަރުއަޑުން ގޮވާލައްވައިފަ އެވެ. އޭގެ ފަހުން ސެކިއުރިޓީ ގާޑުން ވަނީ ރާޝިދާ ހޯލުން ނެރެފަ އެވެ.

އޭބީސީ ނިއުސް އަށް ރާޝިދާ މި ހަފުތާގައި ވިދާޅުވެފައި ވަނީ ކޮންގްރެސްގެ ގޮނޑި ހޯދުމަށް ޝައުގުވެރިވެވަޑައިގެންނެވީ ރައީސް ކަމަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން މުސްލިމުންނަށް ދޭ ހަމަލާތައް އިތުރުވުމުން ކަމަށެވެ.

"އިންތިޚާބަށް އަޅުގަނޑު ނުކުތީ މިކަން ތާރީޚީ ކަމަކަށްވާނެތީއެއް ނޫން. އެކަމަކު މުސްލިމުންނަށް ކުރާ އުނދަގޫތަކާ ދެކޮޅު ހަދަން،" ރާޝިދާ ވިދާޅުވި އެވެ. "ފަލަސްތީނު މީހެއްގެ ނަމާއި އޭނާ ގަބޫލްކުރާ އަގީދާ އަށް ބަލާ އެމެރިކާ ސަރުކާރަށް އެ މީހަކު ހުއްޓުވިދާނެ. އެކަމަކު ކޮންގްރެސް އަށް އިންތިޚާބުވުން ނުހުއްޓުވުނު."

ޕިއު ރިސާޗް ސެންޓަރުން ލަފާކުރާ ގޮތުގައި އެމެރިކާގައި 3.45 މިލިއަން މުސްލިމުން އުޅެ އެވެ. އެއީ އެ ގައުމުގެ އާބާދީގެ 1.1 ޕަސެންޓެވެ.