ނޭޕީޑޯ (އޮގަސްޓް 27) - ރަކީން ސްޓޭޓުގައި މިއަންމާ ސިފައިން ހިންގި ގަތުލް އާއްމު ރިޕޯޓްކުރި ރޮއިޓާސްގެ ދެ ނޫސްވެރިންނަށް ހުކުމް އިއްވުން، ފަނޑިޔާރު ބަލިވުމުން ފަސްކޮށްފި އެވެ.

މިދިޔަ ޑިސެމްބަރު މަހު މިއަންމާ އިން ހައްޔަރު ކުރި ދެ ނޫސްވެރިން ކަމަށްވާ ވަ ލޯން، 32، އާއި ކިޔޯ ސޮއެ އޫ، 27، އަށް ހުކުމް ކުރުން މިހާރު ތާވަލްކޮށްފައި ވަނީ އަންނަ މަހު 3 ވަނަ ދުވަހަށެވެ.

އެ މީހުން ކުށްވެރިކޮށްފައި ވަނީ ރަކީން ސްޓޭޓުގައި މިއަންމާ ސިފައިން ހިންގި ޖަރީމާގެ މައްޗަށް ތަހުގީގީ ރިޕޯޓެއް ތައްޔާރުކުރުމުންނެވެ. އެ މީހުންގެ މައްޗަށް ދައުވާ ކުރަނީ އޮފިޝަލް ސީކްރެޓް އެކްޓުގެ ދަށުންނެވެ. ދެ ނޫސްވެރިންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 14 އަހަރަށް ޖަލަށްލާނެ އެވެ.

"ކޮންމެ ހުކުމެއް އިއްވި ނަމަވެސް އަހަރެމެން ބިރެއް ނުގަންނާނެ،" ކޯޓުން ނުކުންނަމުން ވަ ލޯން މިއަދު ބުންޏެވެ.

އޭނާ ކުރިން ބުނެފައި ވަނީ އެ މީހުން މަސައްކަތް ކުރީ މީޑިއާ އެތިކްސް އަށް ހުރުމަތްތެރިކޮށް ހިތައިގެން ކަމަށާއި އަދި މަސައްކަތް ކުރީ ތެދު ހާމަކުރަން ކަމަށެވެ.

ދެ ނޫސްވެރިންގެ މައްޗަށް ހުކުމް މި ކުރަނީ ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނަށް މިއަންމާ ސިފައިން އަނިޔާ ދޭން ފެށިތާ އަހަރެއްހާ ދުވަސް ފަހުންނެވެ.

ރޮއިޓާސް އަށް މަސައްކަތް ކުރި ދެ ނޫސްވެރިން ހޯދަމުން ދިޔައީ ރަކީންގެ އުތުރުން އޮންނަ ޑިން އަވަށުގައި 10 މީހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 2 ވަނަ ދުވަހު މަރާލި މައްސަލައިގެ ހެކިތަކެވެ. ރޮއިޓާސް އިން ބުނި ގޮތުގައި ރޮހިންޖާ މުސްލިމުން ގޮނޑުދޮށުގައި ބޭތިއްބުމަށް ފަހު އޭގެ ތެރޭން ދެ މީހުން މަރާލީ ބުޑިސްޓުން ކަމަށެވެ. ބާކީ ތިބި މީހުން މެރީ ސިފައިން ބަޑި ޖަހައިގެން ކަމަށް ބުނެފައިވެ އެވެ.

ޑިސެމްބަރު 2 ވަނަ ދުވަހު ދެ ނޫސްވެރިންނަށް ވަނީ ފުލުހުންގެ ދެ އޮފިސަރުންނާ އެކު ރޭގަނޑުގެ ކެއުމަކަށް ދައުވަތު ދީފަ އެވެ. އަދި ފުލުސް ދެ އޮފިސަރުން ވަނީ ގަތުލްއާއްމާ ބެހޭ ލިޔުންތައް ދެ ނޫސްވެރިންނަށް ހަވާލުކޮށްފަ އެވެ. އެކަމަކު ކެއުމަށް ފަހު އެ ދެ ނޫސްވެރިން ރެސްޓޯރަންޓުން ނުކުމެގެން ދަނިކޮށް ވަނީ ހައްޔަރުކޮށްފަ އެވެ.

ދެ ނޫސްވެރިންގެ މައްޗަށް ދައުވާ ކުރަނީ ސަރުކާރުގެ ސިއްރު ލިޔުންތަކެއް ގެންގުޅުނު ކަމުގެ ކުށުގަ އެވެ. ފުލުހުން ބުނީ ދެ ނޫސްވެރިން އެ މައުލޫމާތު ވަގަށް ހޯދާފައި ވަނީ ބޭރުގެ މީޑީއާތަކަށް ފޯރުކޮށްދޭން ކަމަށެވެ.

ދެ ނޫސްވެރިންގެ ވަކީލް ކޯޓުގައި ބުނެފައި ވަނީ އެއީ ފުލުހުން ރާވައިގެން ކުރި ކަމެއް ކަމަށެވެ. ފުލުހުންގެ އެކަކު ވަނީ ނޫސްވެރިންގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. އަދި އެ ގޮތަށް ކަންތައް ކުރީ އަންގައިގެން ކަމަށް ފުލުސް މީހާ ބުނެފައިވެ އެވެ.

ރަކީންގައި މިއަންމާ ސިފައިން މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލްއާއްމުގައި ބައިވެރިވި މިއަންމާ ސިފައިންގެ ހަތް މީހުންގެ މައްޗަށް އެ ގައުމުން ވަނީ ބުރަ މަސައްކަތާ އެކު 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.