މިއަންމާގެ ޖަލުގައި ބަންދުކުރި ދެ ނޫސްވެރިން ދޫކޮށްލައިފި

ޔަންގޮން (މެއި 7) - ހަތް އަހަރަށް ޖަލަށްލާން މިއަންމާގެ ކޯޓަކުން މިދިޔަ އަހަރު ހުކުމްކުރި ރޮއިޓާސްގެ ދެ ނޫސްވެރިން މިއަދު މިނިވަންކޮށްފި އެވެ.


ވަ ލޯން، 33، އާއި ކިޔޯ ސޮއެ އޫ، 29، މިނިވަން ކުރީ ރިޔާސީ އަފޫއާއްމެއްގެ ދަށުންނެވެ. އެ މީހުން މިނިވަންކޮށްފައި ވަނީ ޔަންގޮންގެ ޖަލެއްގައި ތިބޭތާ 500 ދުވަސް ފަހުންނެވެ.

ރޮއިޓާސް އަށް މަސައްކަތް ކުރި މިއަންމާގެ ވަ ލޯން އާއި ކިޔޯ ސޮއެ އޫ ކުށްވެރިކޮށްފައި ވަނީ އޮފިޝަލް ސީކްރެޓްސް އެކްޓުގެ ދަށުންނެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ދެ ނޫސްވެރިން ހަތް އަހަރަށް ޖަލަށްލުމަކީ މިއަންމާ އިން މިނިވަން ނޫސްވެރި ކަމަށް ދިން ހަމަލާއެއް ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެ އެވެ. އަދި މިއަންމާގެ ޑިމޮކްރެސީއާ މެދު ވަނީ ސުވާލު އުފައްދައިފަ އެވެ.

ޖަލުން ނުކުތުމަށް ފަހު ވަ ލޯން ބީބީސީ އަށް ބުނެފައި ވަނީ އޭނާ ދުވަހަކު ވެސް ނޫސްވެރިކަން ހުއްޓާ ނުލާނެ ކަމަށެވެ.

ޖަލުން ދޫކޮށްލި ރޮއިޓާސްގެ ދެ ނޫސްވެރިން ކަމަށްވާ ވަ ލޯން އާއި ކިޔޯ ސޮއެ އޫ އެ މީހުންގެ ދަރިންނާ އެކު އުފާފާޅު ކުރަނީ. --ފޮޓޯ:އޭއެފްޕީ

"އާއިލާ އާއި ރައްޓެހިންނާ ބައްދަލުވެވޭތީ ވަރަށް އުފަލުން މިހުރީ. އަދި ނިއުސްރޫމަށް އަލުން ދިއުމަށް ކެތްމަދުވެފައި މި ހުރީ،" ވަ ލޯން ބުންޏެވެ.

ވަ ލޯން ހައްޔަރުކުރި އިރު އޭނާގެ އަންހެނުން ޕެން އެއި މޮން އިނީ ބަލިވެ އެވެ. ވަ ލޯންގެ ދަރިފުޅު އޭނާ އަށް ފެނިފައި ވަނީ ޖަލަށްކުރާ ޒިޔާރަތްތަކުގައި މަދު ފަހަރަކު އެވެ.

ރޮއިޓާސްގެ ދެ ނޫސްވެރިންނާ އެކު އެތައް ހާސް ގައިދީންނެއް ވަނީ މިނިވަންކޮށްފަ އެވެ. އެ މީހުން މިނިވަންކުރީ މިއަންމާގެ އާ އަހަރާ ދިމާކޮށެވެ.

ރޮއިޓާސްގެ ދެ ނޫސްވެރިންގެ މައްޗަށް ކުށް ސާބިތުކޮށްފައި ވަނީ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން ކުރި އަނިޔާތަކާ ބެހޭ މައުލޫމާތު ހޯދުމުގައި ސަރުކާރުގެ ސިއްރުތައް ހިފެހެއްޓުމުގެ ގާނޫނާ ޚިލާފުވެފައިވާތީ އެވެ. އެ ދެ ނޫސްވެރިން ހޯދަމުން ދިޔައީ ރަކީންގެ އުތުރުން އޮންނަ ޑިން އަވަށުގައި 10 މީހުން ސެޕްޓެމްބަރު 2، 2017 ގައި މަރާލި މައްސަލައިގެ ހެކިތަކެވެ. އެ މީހުން ހައްޔަރު ކުރީ އެ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ޖަލުން ދޫކޮށްލި ރޮއިޓާސްގެ ދެ ނޫސްވެރިން ކަމަށްވާ ވަ ލޯން (ވ)އާއި ކިޔޯ ސޮއެ އޫ ޖަލުން ދޫކޮށްލުމުން ވެހިކަލްގައި ދަނީ. --ފޮޓޯ:އޭއެފްޕީ

ޑިސެމްބަރު 2، 2017 ގައި ދެ ނޫސްވެރިންނަށް ވަނީ ފުލުހުންގެ ދެ އޮފިސަރުންނާ އެކު ރޭގަނޑުގެ ކެއުމަކަށް ދައުވަތު ދީފަ އެވެ. އަދި ފުލުސް ދެ އޮފިސަރުން ވަނީ ގަތުލްއާއްމާ ބެހޭ ލިޔުންތައް ދެ ނޫސްވެރިންނަށް ހަވާލުކޮށްފަ އެވެ. އެކަމަކު ކެއުމަށް ފަހު އެ ދެ ނޫސްވެރިން ރެސްޓޯރެންޓުން ނުކުމެގެން ދަނިކޮށް ވަނީ ހައްޔަރުކޮށްފަ އެވެ.

ދެ ނޫސްވެރިން ވެސް ބުނެފައި ވަނީ އެ މީހުން ކުށެއް ނުކުރާ ކަމަށާއި އެއީ ފުލުހުން ރާވައިގެން ކުރި ކަމެއް ކަމަށެވެ.