ރޮއިޓާސްގެ ދެ ނޫސްވެރިން ހަތް އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ޔަންގޮން (ސެޕްޓެމްބަރު 3) - ރޮއިޓާސްގެ ދެ ނޫސްވެރިން ހަތް އަހަރަށް ޖަލަށްލާން މިއަންމާގެ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.


އެ މީހުންގެ މައްޗަށް ކުށް ސާބިތުކޮށްފައި ވަނީ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން ކުރި އަނިޔާތަކާ ބެހޭ މައުލޫމާތު ހޯދުމުގައި ސަރުކާރުގެ ސިއްރުތައް ހިފެހެއްޓުމުގެ ގާނޫނާ ޚިލާފުވެފައިވާތީ އެވެ.

ރޮއިޓާސް އަށް މަސައްކަތް ކުރާ މިއަންމާގެ ދެ ނޫސްވެރިން ކަމަށްވާ ވަ ލޯން، 32، އާއި ކިޔޯ ސޮއެ އޫ، 27، ހައްޔަރު ކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެ ދެ ނޫސްވެރިން ހޯދަމުން ދިޔައީ ރަކީންގެ އުތުރުން އޮންނަ ޑިން އަވަށުގައި 10 މީހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 2 ވަނަ ދުވަހު މަރާލި މައްސަލައިގެ ހެކިތަކެވެ.

ރޮއިޓާސްގެ ނޫސްވެރިޔާ ވަ ލޯން ހުކުމަށް ފަހު ކޯޓުން ނެރެނީ. --ފޮޓޯ:ރޮއިޓާސް

މިދިޔަ އަހަރުގެ ޑިސެމްބަރު 2 ވަނަ ދުވަހު ދެ ނޫސްވެރިންނަށް ވަނީ ފުލުހުންގެ ދެ އޮފިސަރުންނާ އެކު ރޭގަނޑުގެ ކެއުމަކަށް ދައުވަތު ދީފަ އެވެ. އަދި ފުލުސް ދެ އޮފިސަރުން ވަނީ ގަތުލްއާއްމާ ބެހޭ ލިޔުންތައް ދެ ނޫސްވެރިންނަށް ހަވާލުކޮށްފަ އެވެ. އެކަމަކު ކެއުމަށް ފަހު އެ ދެ ނޫސްވެރިން ރެސްޓޯރެންޓުން ނުކުމެގެން ދަނިކޮށް ވަނީ ހައްޔަރުކޮށްފަ އެވެ.

ދެ ނޫސްވެރިން ވެސް ބުނެފައި ވަނީ އެ މީހުން ކުށެއް ނުކުރާ ކަމަށާއި އެއީ ފުލުހުން ރާވައިގެން ކުރި ކަމެއް ކަމަށެވެ.

ރޮއިޓާސްގެ ނޫސްވެރިޔާ ވަ ލޯން (ކ) އަދި ކިޔޯ ސޮއެ. --ފޮޓޯ:އީޕީއޭ

ފަނޑިޔާރު ބުނެފައި ވަނީ ދައުލަތުގެ މަސްލަހަތަށް ދެ ނޫސްވެރިން ވެސް ގެއްލުން ދޭ އުޅުނުކަމުގެ ހެކި ކޯޓަށް ލިބިފައިވާ ކަމަށެވެ.

"އަހަރެން އެއްވެސް ވަރަކަށް ބިރެއް ނުގަނޭ. އަހަރެން އެއްވެސް ކުށެއް ނުކުރަން. ޑިމޮކްރެސީ އާއި މިނިވަންކަން އަހަރެން ގަބޫލް ކުރަން،" ހުކުމަށް ފަހު، އެއް ނޫސްވެރިޔާ ވަ ލޯން ބުންޏެވެ.