އެމެރިކާ އިން ކަނޑާލީ އެހީއެއް ނޫން، އެއީ ޕާކިސްތާނަށް ދޭންޖެހޭ ފައިސާ

އިސްލާމްއާބާދު (ސެޕްޓެމްބަރު 3) - އެމެރިކާ އިން ކަނޑާލާފައި ވަނީ ޕާކިސްތާނަށް ދޭ އަސްކަރީ އެހީ ނޫން ކަމަށާއި އެއީ ޕާކިސްތާނަށް ދޭން ޖެހޭ ފައިސާ ކަމަށް އިސްލާމްއާބާދުން ބުނެފި އެވެ.


ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރޭޝީ ވިދާޅުވީ އެމެރިކާ އިން ފަށާފައިވާ ޓެރަރިޒަމާ ދެކޮޅު ހަނގުރާމަ އަށް ޕާކިސްތާނުން ވެސް ބޮޑު ޚަރަދެއް ކޮށްފައިވާ ކަމަށެވެ. އަދި އެ ޚަރަދަކީ އެމެރިކާ އިން ޕާކިސްތާނަށް އަނބުރާ ދޭން ޖެހޭ ފައިސާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާކިސްތާނަށް ދޭ 300 މިލިއަން ޑޮލަރުގެ އެހީ ކަނޑާލާކަން ޕެންޓަގަނުން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އެހީ ކަނޑާލީ ހަރުކަށި ހަނގުރާމަވެރިން ހުއްޓުވުމަށް ޕާކިސްތާނުން އެކަށީގެންވާ ފިޔަވަޅުތައް އަޅާފައިނުވާތީ ކަމަށް ބުނެ އެވެ.

ގުރޭޝީ ވިދާޅުވީ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އަންނަ ބުދަ ދުވަހު ޕާކިސްތާނަށް ކުރައްވާ ދަތުރުގައި އެ މައްސަލާގައި މަޝްވަރާ ކުރާނެ ކަމަށެވެ.

"އެމެރިކާގެ 300 މިލިއަން ޑޮލަރަކީ ޕާކިސްތާނަށް ދޭ އެހީއެއް ނޫން. އެއީ އެމެރިކާ އިން ފެށި ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގައި ޕާކިސްތާނުން ކުރި ހޭދަ އަށް ދޭން ޖެހޭ ފައިސާ. އެކަމަކު އެމެރިކާ އިން މިހާރު އެ އުޅެނީ އެ ފައިސާ ނުދޭން ވެގެން،" އިސްލާމްއާބާދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގުރޭޝީ ވިދާޅުވި އެވެ.