ޖީސީސީ ސަމިޓަށް ގަތަރުގެ އަމީރަށް ސައުދީން ދައުވަތު ދީފި

ރިޔާޒް (ޑިސެމްބަރު 5) - އަންނަ ހަފުތާގައި ސައުދީގައި ބާއްވާ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ސަމިޓަށް ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ އަށް ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް ދައުވަތު ދެއްވައިފި އެވެ.


ޖީސީސީ ސަމިޓަށް ސައުދީން ދައުވަތު ދިން އިރު ގަތަރުން ވަނީ ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމާއަތް އޯޕެކުން އަންނަ އަހަރު ކުރީކޮޅު ވަކިވާނެކަން އިއުލާންކޮށްފަ އެވެ.

ގަތަރު ނިއުސް އެޖެންސީން ބުނީ ގަތަރުގެ އަމީރަށް ސައުދީ ރަސްގެފާންގެ ފަރާތުން ދައުވަތު ފޮނުވާފައި ވަނީ ޖީސީސީގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްލަތީފް ބިން ރާޝިދު އަލް ޒަޔާނީ މެދުވެރިކޮށް ކަމަށެވެ. ޖީސީސީ ސަމިޓަށް ޝެއިޚް ތަމީމް ވަޑައިގަންނަވާނެކަން ގަތަރުން އަދި އިއުލާންކޮށްފައެއް ނުވެ އެވެ.

ޖީސީސީގެ ގައުމުތައް ކަމަށްވާ ޔޫއޭއީ، ބަހުރޭން އަދި ޖީސީސީގައި ނުހިމެނޭ މިސްރުން ވަނީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.

ކުވޭތުގައި މިދިޔަ އަހަރު ބޭއްވި ޖީސީސީ ސަމިޓުގައި ސައުދީ އާއި ޔޫއޭއީ އަދި ބުހުރޭނުން ފޮނުވީ އެންމެ އިސްވެރިންގެ ބަދަލުގައި މިނިސްޓަރުން ނުވަތަ ނައިބުން ފެންވަރުގެ ވަފުދުތަކެވެ. ކުވޭތުން ބުނެފައި ވަނީ ރިޔާޒުގައި އަންނަ އާދިއްތަ ދުވަހު ފަށާ ސަމިޓުގައި ޖީސީސީގެ ހުރިހާ މެންބަރުން ބައިވެރިވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.