ތުރުކީން އިތުރު ޓޭންކުތައް ސީރިއާ އަށް ފޮނުވައިފި

އަންކާރާ (އޮގަސްޓް 28) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން މިދިޔަ ހަފުތާގައި ހިފި ސީރިއާގެ އަވަށުގައި ހުރި މައިންތައް ނަގާ ސާފު ކުރުމުގެ މަސައްކަތަށް އެހީވުމަށް އިތުރު ހަ ޓޭންކު ތުރުކީން ސީރިއާ އަށް ފޮނުވައިފި އެވެ.


ސީރިއާގެ ސަރަހައްދުގެ ތެރޭގައި ތުރުކީން އަސްކަރީ އޮޕަރޭޝަނެއް ފެށީ ބުދަ ދުވަހު އެވެ. ހުއްރިއްޔާ ނޫހުން ބުނީ އޮޕަރޭޝަން ފެށިތާ ތިން ދުވަސްވީ އިރު ތުރުކީ ސިފައިންގެ 50 ޓޭންކާއި 380 ސިފައިން ވަނީ ސީރިއާގެ ސަރަހައްދުގެ ތެރޭގައި ހަރަކާތްތެރިވާން ފަށައިފަ އެވެ. ތުރުކީ ސިފައިންނާ އެކު ދަނީ ސީރިއާ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިން ވެސް ހަރަކާތްތެރިވަމުންނެވެ.

ތުރުކީ- ސީރިއާ ސަރަހައްދީ ރޮނގު ކައިރީގައިވާ ތުރުކީގެ ޓޭންކެއްގައި ސިފައިން އިށީނދެލައިގެން. --ފޮޓޯ:އޭއެފްޕީ

ސީރިއާގެ މަންބިޖާއި ޖަރާބްލްސް އިން އައިއެސްގެ ހަނގުރާމަވެރިން މިހާރު ވަނީ ފަހާލައިފަ އެވެ. އޮފިޝަލުން ބުނީ މި ދެ ޓައުނުން އައިއެސްގެ ހަނގުރާމަވެރިން ނުކުމެގެން ދިޔަ އިރު ދޫކޮށްފައި ހުރި މައިންތައް ނުގޮވާ ގޮތް ހެދުމުގެ މަސައްކަތް ތުރުކީ ސިފައިން ދަނީ ކުރަމުން ކަމަށެވެ.

ސީރިއާގައި ތުރުކީން އޮޕަރޭޝަން ފެށި ފަހުން ފުރަތަމަ ފަހަރަށް ވަނީ ތުރުކީ ސިފައިންގެ މީހަކު އިއްޔެ މަރުވެފަ އެވެ. ތުރުކީގެ ރަސްމީ ނޫސް އެޖެންސީން ބުނީ އެ ގައުމުގެ ސިފައިންގެ މީހަކު މަރުވެ އިތުރު ތިން މީހުން ޒަޚަމްވީ ކުރުދީ ހަނގުރާމަވެރިން ދިން ރޮކެޓް ހަމަލާއެއްގައި ކަމަށެވެ. ތުރުކީ ސިފައިންގެ އޮޕަރޭޝަން ވަނީ ކާޑިޝް ޑިމޮކްރެޓިކް ޔޫނިއަން ޕާޓީ (ޕީވައިޑީ) އަށް ވެސް އަމާޒުކޮށްފަ އެވެ. ތުރުކީން ދެކެނީ މިއީ ޓެރަރިސްޓް ޖަމާއަތެއް ކަމަށެވެ.

އަޙްމަދު އުޝާމް

2

ވިލިމާލެ ދާއިރާ