ބިސްޖެހި ކުއްޖާ އެއްކުރި ފައިސާ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް

ސިޑްނީ (މާޗް 19) - ނިއު ޒީލެންޑުގެ ދެ މިސްކިތަށް ހަމަލާ ދިނީ އެ ގައުމަށް މުސްލިމުން ޒިޔާރަތް ކުރާތީ ކަމަށް ވިދާޅުވި އޮސްޓްރޭލިއާގެ ސެނެޓަރުގެ ބޮލަށް ބިސް ޖެހި ކުޑަ ކުއްޖާގެ ގާނޫނީ ފީގެ ގޮތުގައި އެއްކުރި ފައިސާ އިން ބޮޑު ބައެއް، މިސްކިތަށް ދިން ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ހަދިޔާ ކުރަން ނިންމައިފި އެވެ.


"އެގްބޯއީ"ގެ ގޮތުގައި މިހާރު މަޝްހޫރު 17 އަހަރުގެ ވިލިއަމް ކޮނޯލީ، ކްއީންސްލެންޑުގެ ސެނެޓަ ފްރޭޒާ އަނިންގެ ބޮލަށް ބިސް ޖެހީ މެލްބަންގައި ނޫސް ކޮންފަރެންސެއް އޭނާ ދެއްވަން ހުންނަވަނިކޮށެވެ. ބިސް ޖެހުމާ އެކު ސެނެޓަރު އެނބުރި އެ ކުއްޖާގެ މޫނު މަތީގައި ވަނީ ޖަހައިފަ އެވެ. އޭގެ އެއް ދުވަސް ކުރިން އެ ސެނެޓަރު ވަނީ ނިއު ޒީލެންޑުގައި 50 މީހުން މަރުވި ހާދިސާ ހިނގަން މެދުވެރިވީ އެ ގައުމަށް މުސްލިމުން ޒިޔާރަތް ކުރާތީ ކަމަށް ވިދާޅުވެފަ އެވެ.

ސެނެޓަރުގެ ބޮލަށް ބިސް ޖަހަނީ.

ކޮނޯލީގެ ހިތްވަރުގަދަ އަމަލަށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު އެ ކުއްޖާ އަށް ތައުރީފް ކުރި އެވެ. އަދި އެ ކުއްޖާގެ ގާނޫނީ ފީގެ ގޮތުގަ އާއި "އިތުރަށް ބިސް ގަތުމަށް" ފައިސާ ޖަމާކުރަން ވަނީ އޮންލައިން ފަންޑެއް ހުޅުވައިފަ އެވެ. އެ ފަންޑަށް ޖަމާކުރަން ކަނޑައެޅި 35،500 ޑޮލަރަށް ވުރެ ގިނައިން މިހާރު ވަނީ ލިބިފަ އެވެ. އެ ކުއްޖާ ނިންމާފައި ވަނީ އެ ފައިސާގެ ބޮޑު ބައި ނިއު ޒީލެންޑަށް ހަދިޔާ ކުރާށެވެ.

އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން ވެސް ވަނީ ކްއީންސްލޭންޑުގެ ސެނޭޓަރުގެ ކޮމެންޓަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެފަދަ މުޑުދާރު ވާހަކަތަކަށް އޮސްޓްރޭލިއާގައި ޖާގަ ނޯންނާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ސެނެޓަރުގެ ބޮލަށް 17 އަހަރުގެ ކުއްޖާ ބިސް ޖަހަނީ.

އޮސްޓްރޭލިއާގެ ކުރީގެ ބޮޑު ވަޒީރު ކެވިން ރޫޑް ވަނީ ސެނެޓަރުގެ މަގާމުން އަނިންގް ބޭރު ކުރަން ޕެޓިޝަނެއްގައި ސޮއި ކުރުމަށް ގޮވާލައްވައިފަ އެވެ. އެ ޕެޓިޝަނުގައި މިހާތަނަށް ވަނީ 1.2 މިލިއަން މީހުން ސޮއިކޮށްފަ އެވެ.