އެމެރިކާ އާއި ޗައިނާ އިން ތިމާވެށި އެއްބަސްވުން ތަސްދީގުކޮށްފި

ބެއިޖިން (ސެޕްޓެމްބަރު 4) - ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަށް މިދިޔަ ޑިސެމްބަރު މަހު އެކުލަވާލި ޕެރިސް ތިމާވެށި އެއްބަސްވުން ޗައިނާ އާއި އެމެރިކާ އިން ތަސްދީގުކޮށްފި އެވެ.


ދުނިޔޭގެ ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ 40 ޕަސެންޓް ހިއްސާ ކުރަނީ މި ދެ ގައުމުންނެވެ. ދުނިޔޭގެ މޫސުމަށް ބަދަލު އައުމުގެ މައިގަނޑު ސަބަބަކީ ޖައްވަށް ދޫކުރާ ވިހަ ގޭހެވެ. ޕެރިސް އެއްބަސްވުމުގައި ގައުމުތަކުން އެއްބަސްވެފައި ވަނީ ދުނިޔޭގެ އެވްރެޖް ހޫނުމިން ދެ ޑިގްރީ ސެލްސިއަސް އަށް ވުރެ މަތި ނުވެ ހިފެހެއްޓުމަށެވެ.

ޖީ-20 ގައުމުތަކުގެ ލީޑަރުންގެ ސަމިޓަށް ޗައިނާގެ ހަންގްޒޫ އަށް ވަޑައިގެން ރައީސް ބަރަކް އޮބާމާ ވިދާޅުވީ "މިއަދު ނިމިގެން އެ ދިޔައީ ވަރަށް ތާރީޚީ ކަމެއްކަން ތާރީޚުން ހެކިދޭނެ" ކަމަށެވެ.

ޕެރިހުގެ ތިމާވެށި އެއްބަސްވުން ތަސްދީގު ކުރުމަށް ޗައިނާ އިން ނިންމީ އެ ގައުމުގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިން ކޮމިޓީގައި ހަފުތާއެއްހާ ދުވަހު މަޝްވަރާ ކުރުމަށް ފަހު އެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ (ވ) އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ސަލާމް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ޕެރިސް އެއްބަސްވުން ޗައިނާ އިން ތަސްދީގު ކުރުމުގެ ކުރިން މި އެއްބަސްވުން ތަސްދީގު ކޮށްފައި ވަނީ 23 ގައުމަކުންނެވެ. މި ގައުމުތައް ހިއްސާ ކުރަނީ ދުނިޔޭގެ ޖައްވަށް ދޫކުރާ ވިހަ ގޭހުގެ އެންމެ އެއް ޕަސެންޓެވެ. މި އެއްބަސްވުމަށް އަމަލު ކުރުމަށް މަދުވެގެން 55 ގައުމުން ތަސްދީގު ކުރަން ޖެހެ އެވެ. އިނގިރޭސި ވިލާތުން އަދި މި އެއްބަސްވުން ތަސްދީގެއް ނުކުރެ އެވެ. ބޮޑު ވަޒީރުގެ އޮފީހުން ބުނެފައި ވަނީ ޕެރިސް އެއްބަސްވުން ވަރަށް އަވަހަށް ތަސްދީގު ކުރާނެ ކަމަށެވެ.

ޕެރިސް އެއްބަސްވުން ތަސްދީގު ކުރަން ނިންމިކަން ވައިޓްހައުސް އިން އިއުލާންކުރުމާ އެކު ޗައިނާގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ "ޕެރިސް އެއްބަސްވުމަކީ ދުނިޔެ ބަދަލުވެގެން ދިއުމުން ސަލާމަތްވުމަށް ލިބޭނެ އެންމެ ރަނގަޅު އެއް ފުރުސަތު" ކަމަށެވެ.

ޕެރިސް އެއްބަސްވުން ތަސްދީގު ކުރުމުން ރައީސް އޮބާމާ އާއި ޗައިނާގެ ރައީސް ޝީ ޖިން ޕިން އަށް ތައުރީފް ކުރައްވާ އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން ވިދާޅުވީ އެއީ ދުރުވިސްނިވަޑައިގަންނަވާ، ހިތްވަރުގަދަ ދެ ލީޑަރުން ކަމަށެވެ.