ސައުދީގެ ރަސްގެފާނު ގަތަރުގެ އަމީރަށް ދައުވަތު އަރުވައިފި

މާދަމާ ބާއްވާ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ އެމަޖެންސީ ސަމިޓަށް، ގަތަރުގެ އަމީރު ޝެއިހު ތާމިމް ބިން ހަމަދު އަލް ތާނީ އަށް ސައުދީގެ ރަސްގެފާނު ސަލްމާން ދައުވަތު އަރުވައިފި ކަމަށް، ގަތަރުގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.


ސައުދީ ރަސްގެފާނުގެ ދައުވަތުގެ ވާހަކަ ގަތަރުގެ ފޮރިން މިނިސްޓަރު ޝެއިހު މުހައްމަދު ބިން އަބްދުލްރަހުމާން އަލް ތާނީއަށް އެނގިވަޑައިގަތީ ދޯހާގައި މިދިއަ އާދިއްތަދުވަހު ޖީސީސީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްލަތީފް ރާޝިދު އަލް ޒަޔާނީއާ ބައްދަލުކުރައްވަމުން ގެންދަވަނިކޮށެވެ.

ސައުދީ އާއި މިސްރާއި ބަހުރެއިން އަދި ޔޫއޭއީން ވަނީ ޖޫން 2017 ގައި ގަތަރާ ގުޅުން ކަނޑާލައި، ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅައިފަ އެވެ. މުއްސަނދި އެކަމަކު ކުޑަކުޑަ ގަތަރާ ދެކޮޅަށް އެ ގައުމުތަކުން ނުކުތީ ޓެރަރިޒަމަށް ވާގިވެރިވުމާއި އެ ގައުމުތަކުގެ އެތެރެ ހަލަބޮލިކުރަން އެހީތެރިވުމުގެ ތުހުމަތުގަ އެވެ.

ގަތަރުން އެ ވާހަކަތައް ދޮގުކުރެ އެވެ.

މައްކާގައި ދެ ސަމިޓެއް ބާއްވަން ކިންގް ސަލްމާން މި މަހު ކުރީކޮޅު އޮތީ ހުށައަޅުއްވައިފަ އެވެ. އޭގެ ތެރެއިން އޮގަނައިޒޭޝަން އޮތް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސަމިޓް އޮންނާނީ ހުކުރު ދުވަހު މައްކާގަ އެވެ. އެ ސަމިޓަށް ދުނިޔޭގެ އިސްލާމީ ގައުމުތަކުގެ ވެރިން މިހާރު ގެންދަވަނީ މައްކާއަށް ވަޑައިގަންނަވަމުންނެވެ.

ގަތަރާ ދެކޮޅަށް ހަތަރު ގައުމުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އެއްގަމު މަގުން ގަތަރަށް ކުރާ ދަތުރުތަކާއި ވައިގެ ދަތުރުތައް ހުއްޓާލުން ވެސް ހިމެނެ އެވެ.