އީރާނުން ހިފެހެއްޓި ޓޭންކަރުގެ ފަޅުވެރިންގެ ފޮޓޯތައް އާއްމުކޮށްފި

ތެހެރާން (ޖުލައި 23) - ހޮރްމޫޒް ކަނޑުއޮޅިން ހިފެހެއްޓި ތެޔޮ ޓޭންކަރުގެ ފަޅުވެރިންގެ ފޮޓޯތައް އީރާނުގެ ރަސްމީ މީޑިއާ އިން އާއްމުކޮށްފި އެވެ.


ސްޓެނާ އިމްޕީރޯ ޓޭންކަރުގެ ފަޅުވެރިންނަށް ކާން ތައްޔާރު ކުރާ ތަނާއި ފަޅުވެރިންނަށް އީރާނުގެ އޮފިޝަލުން ވާހަކަ ދައްކާ މަންޒަރުގެ ފޮޓޯ އާއި ވީޑިއޯފުޓޭޖް ވަނީ އާއްމުކޮށްފަ އެވެ. ތެޔޮ ބޯޓުގައި ތިބި 23 ފަޅުވެރިން ބައްދަލުވުންތައް ބާއްވާ މަންޒަރާއި ކޮމްޕިއުޓާ ސިސްޓަމްތައް އެ މީހުން މޮނިޓާ ކުރާ މަންޒަރު ވެސް އާއްމުކޮށްފައިވެ އެވެ. ފުޓޭޖަކުން ފެންނަ ގޮތުން ފަޅުވެރިން ބޭއްވި ބައްދަލުވުމެއްގައި ޔުނިފޯމް ނުލައި ހުރި ފަޅުވެރިއަކު ވަނީ "ކެމެރާއާ ދިމާލަށް ނުބަލަން" ބުނެފަ އެވެ.

ޓޭންކަރުގެ ފަޅުވރިން ކެެއުން ތައްޔާރު ކުރަނީ.

ތެޔޮ ބޯޓުގައި ތިބީ އިންޑިއާގެ 18 މީހުންނާއި ރަޝިޔާގެ ތިން މީހުންނާއި ފިލިޕީންސް މީހަކާއި ލެޓްވިއާ މީހެކެވެ. ތަހުގީގަށް ބޯޓު މިހާރު ވަނީ ބަންދަރު އައްބާސް އަށް ގެންގޮސްފަ އެވެ. ތެޔޮ ބޯޓުގެ ސްވިޑަންގެ ވެރިފަރާތުން މިހާރު ވަނީ ފަޅުވެރިންނާ ބައްދަލު ކުރަން އެދިފަ އެވެ. އީރާނުން ބުނެފައި ވަނީ ހުރިހާ ފަޅުވެރިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

ޓޭންކަރުގެ ފަޅުވެރިން ސިސްޓަމްތައް މޮނިޓާ ކުރަނީ.

އީރާނުން ބުނެފައި ވަނީ ތެޔޮ ޓޭންކަރު ހިފެހެއްޓީ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފުވުމުން ކަމަށެވެ. ހޮރްމޫޒް ކަނޑުއޮޅިން މަސް ބޯޓެއްގައި ޓޭންކަރުން ޖެހި އެކްސިޑެންޓްވެ ހާލުގައި ޖެހުނު ބޯޓަށް ޓޭންކަރުން އަޅާނުލި ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.

ޓޭންކަރުގައި ތިބި ފަޅުވެރިންނާ އީރާނުގެ އޮފިޝަލަކު ވާހަކަ ދައްކަނީ. --ފޮޓޯ:އޭއެފްޕީ

އިނގިރޭސި ސަރުކާރުން ބުނެފައި ވަނީ އީރާނުން ވަނީ އެ ގައުމުގެ ޓޭންކަރު ކަނޑުފޭރިގެންފައި ކަމަށެވެ. އަދި ޓޭންކަރު ސަލާމަތް ކުރެވޭނެ ގޮތަކީ ކޮބައިތޯ ބަލަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.

އީރާނުގެ ތެޔޮ ޓޭންކަރެއް އިނގިރޭސި ސިފައިން މި މަހު ކުރީކޮޅު ވަނީ ޖިބްރޯލްޓާ ބޭރުން ހިފަހައްޓައިފަ އެވެ.

އީރާނުން ހިފެހެއްޓި ޓޭންކަރުގައި ސިފައިންގެ މީހަކު ހަތިޔާރާ އެކު. --ފޮޓޯ:ރޮއިޓާސް