އެމެރިކާގެ ވައިގެ ހަމަލާތަކުގައި ސީރިއާ ސިފައިންގެ އެތައް ބަޔަކު މަރާލައިފި

ވޮޝިންޓަން (ސެޕްޓެމްބަރު 18) - ސީރިއާގެ އިރުމަތީގެ ހިސާބުތަކަށް ވައިގެ ހަމަލާތައް ދީފައިވާ ކަމަށް އެމެރިކާ އިން އެއްބަސްވެއްޖެ އެވެ. އަދި މި ހަމަލާތަކުގައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދިޔަ ސީރިއާ ސިފައިންގެ 62 މީހުން މަރުވެފައި ކަމަށް ރަޝިޔާ އިން ވަނީ ބުނެފަ އެވެ.


އެމެރިކާ އިން ބުނީ އިރުމަތީގެ ދައިރު އަލް ޒޫރުގައި ސީރިއާ ސިފައިން ތިބިކަން އެނގުމާ އެކު ވައިގެ ހަމަލާތައް ހުއްޓާލާފައިވާ ކަމަށެވެ. ރައީސް ބަރަކް އޮބާމާގެ ތަރުޖަމާނަކު ވަނީ ގަސްދުގައި ނޫން ގޮތެއްގައި ނަމަވެސް އެމެރިކާގެ ވައިގެ ހަމަލާތަކުގައި ސީރިއާ ސިފައިންގެ ބަޔަކު މަރުވުމުން މައާފަށް އެދިފަ އެވެ.

ރަޝިޔާ އިން ބުނީ އެމެރިކާގެ ވައިގެ ހަމަލާތަކުގެ ސަބަބުން އައިއެސް އަށް ކުރިއަރަން ފަސޭހަވި ކަމަށެވެ. އަދި މި މައްސަލާގައި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ރަޝިޔާ އިން ވަނީ ގޮވާލައިފަ އެވެ. އަދި ސީރިއާގައި ހަމަލާތައް ހުއްޓާލާފައި އޮތް އޮތުން މިހާރު އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށާއި އެކަމުގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭނީ އެމެރިކާ އިން ކަމަށް ރަޝިޔާ އިން ވަނީ ބުނެފަ އެވެ.

ސީރިއާގައި ހަމަލާތައް ހުއްޓާލާފައި އޮންނަ މުއްދަތުގައި ސަރުކާރު ސިފައިން ވެސް އިދިކޮޅު ހަނގުރާމަވެރިންނަށް ހަމަލާ ނުދޭން ވަނީ އެއްބަސްވެފައި.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނީ ކޯލީޝަނުން ހީކުރީ ހަމަލާ ދެމުން ދިޔައީ އައިއެސްގެ އަމާޒުތަކަށް ކަމަށެވެ. އެކަމަކު ހަމަލާތަކުގެ އަމާޒަކީ ސީރިއާ ސިފައިންނާއި އެ މީހުންގެ ވެހިކަލްތައް ކަމަށް ރަޝިޔާ އިން އެންގުމާ އެކު ހަމަލާތައް ވަގުތުން ހުއްޓާލި ކަމަށް ބުނެފައިވެ އެވެ. އަދި ކޯލީޝަނުން ދޭން އުޅޭ ވައިގެ ހަމަލާތަކުގެ މައުލޫމާތު ކުރިން ރަޝިޔާއާ ހިއްސާކޮށްފައިވާ ކަމަށް ވެސް ސެންޓްރަލް ކޮމާންޑުން ވަނީ ބުނެފަ އެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާ އިން ބުނީ އެމެރިކާގެ ވައިގެ ހަމަލާތަކަކީ އޮޅުމަކުންވީ ކަމެއް ނަމަ އެއީ އަސްކަރީ ހަމަލާތަކާ ގުޅޭ ގޮތުން މޮސްކޯއާ ގުޅިގެން މަސައްކަތް ކުރުމަށް ވޮޝިންޓަނުން ދެކޮޅު ހެދުމުގެ ނަތީޖާ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން ހަތް ދުވަސްވަން ދެން ސީރިއާގައި ހަމަލާތައް ހުއްޓާލާފައި އޮތް ނަމަވެސް ރަޝިޔާ އާއި އެމެރިކާ ގުޅިގެން ވަނީ އައިއެސް އާއި ޖަބުހަތު ފާތިހު އަލް ޝާމް ފަދަ ޖަމާއަތްތަކަށް ހަމަލާ ދިނުމަށް އެއްބަސްވެފަ އެވެ. ރަޝިޔާގެ ފޮރިން މިނިސްޓްރީން ބުނީ އެމެރިކާގެ ހަމަލާތަކުގެ ސަބަބުން ސީރިއާގައި ހަމަލާތައް ހުއްޓާލާފައި އޮތުމުގެ އެއްބަސްވުން ބޮޑު އޮޅުން ގަނޑަކަށް ވެއްޖެ ކަމަށެވެ.

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުގެ ތަރުޖަމާނަކު ވިދާޅުވީ ސުލްހައިގެ އެއްބަސްވުން ދެމެހެއްޓުމަށް ދެ ފަރާތަށް ވެސް ގޮން ޖެހުންތައް އެބަހުރި ކަމަށާއި އެކަމަކު ހަމަލާތައް ހުއްޓާލާފައި އޮތް އޮތުން ދެމެހެއްޓޭ ކަމަށެވެ.

އާދަމްމަނިކު

2

މައްޗަނގޮޅި އުތުރު ދާއިރާ