ސީރިއާ ސިފައިންނަށް ހަމަލާ ދެވުނީ އޮޅުމަކުން ކަމަށް އެމެރިކާ އިން އެއްބަސްވެއްޖެ

ވޮޝިންޓަން (ނޮވެމްބަރު 30) - އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ސީރިއާގެ އިރުމަތީގައި ހަނގުރާމަ ކުރަމުން ދިޔަ އެ ގައުމުގެ ސިފައިންތަކަކަށް ހަމަލާދީ މަރާލެވުނީ އޮޅުމަކުން ކަމަށް އެމެރިކާ އިން އެންމެ ފަހުން އެއްބަސްވެއްޖެ އެވެ.


އެމެރިކާ އިން ބުނެފައި ވަނީ ސެޕްޓެމްބަރު 17 ވަނަ ދުވަހު ދިން ހަމަލާ އަމާޒުކޮށްފައި ވަނީ އައިއެސްގެ ހަނގުރާމަވެރިންނަށް ކަމަށެވެ. ދައިރުއްޒޫރާ ކައިރީގައި ދިން މި ހަމަލާގައި ވަނީ ކޯލީޝަނުގައި ހިމެނޭ އިނގިރޭސި ވިލާތް، ކެނެޑާ އަދި އޮސްޓްރޭލިއާ އިން ވެސް ބައިވެރިވެފަ އެވެ.

ހަމަލާ ދެވުނީ އޮޅުމަކުން ކަމަށް އެމެރިކާ އިން ބުނި ނަމަވެސް ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެފައި ވަނީ އެއީ އެމެރިކާ އިން ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށެވެ.

"ހަތަރު މަތިންދާ ބޯޓުން ސީރިއާ ސިފައިންނަށް އެއްގަޑިއިރަށް ވުރެ ގިނައިރު ހަމަލާ ދެމުންދިޔަ އިރު އެއީ އޮޅުމަކުން ކުރި ކަމެއް ކަމަށް ގަބޫލެއް ނުކުރެވޭނެ،" ބައްޝާރު ވިދާޅުވި އެވެ.

ރަޝިޔާ ސިފައިން ބުނެފައި ވަނީ އެމެރިކާ އިން ދިން ހަމަލާގައި ސީރިއާގެ 62 ސިފައިން މަރުވެފައިވާ ކަމަށެވެ. އަދި އެމެރިކާ އިން ހަމަލާތައް ހުއްޓާލީ ހަމަލާ ދެމުންދަނީ ސީރިއާ ސިފައިންނަށް ކަމަށް ރަޝިޔާ އިން އެންގުމުން ކަމަށް ވެސް ބުނެފައިވެ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ތަރުޖަމާނަކު ވިދާޅުވީ އޮޅުމަކުން ދެވުނު ހަމަލާއާ މެދު ހިތާމަކުރާ ކަމަށާއި އެމެރިކާގެ ހަމަލާގެ އަމާޒަކީ ސީރިއާ ސިފައިންކަން ކުރިން ނޭނގޭ ކަމަށެވެ.

އިނގިރޭސި ވިލާތުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނަކު ވެސް ވިދާޅުވީ ސީރިއާ ސިފައިންކަން އެނގިހުރެ ގަސްދުގައި ހަމަލާ ނުދޭ ކަމަށެވެ.