"އޭނާ މަރުވީ ކުއްތާއެއް ފަދައިން" ކަމަށް ވިދާޅުވެ، އައިއެސްގެ ލީޑަރު އަބޫ ބަކުރު އަލް-ބަޣުދާދީގެ ފަހު ވަގުތުކޮޅު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ސިފަކުރެއްވި ގޮތުން، އައިއެސްގެ ސަޕޯޓަރުންގެ ނަފުރަތާއި ރުޅިވެރިކަން އެމެރިކާއާ މެދު ބޮޑުވުމުގެ ނުރައްކާ އޮތް ކަމަށް، ބައެއް ތަޖުރިބާކާރުން ބުނެފި އެވެ.
އެމެރިކާ އިން އެންމެ ބޭނުންވާ ޓެރަރިސްޓުންގެ ލިސްޓްގައި ހިމެނޭ މީހުން، އެމެރިކާ ސިފައިންގެ ހާއްސަ ހަމަލާތަކުގައި މަރުވުމުން މީގެ ކުރިން އެމެރިކާގެ ރައީސުން ބޭނުންކުރެއްވި ބަސްމަގާއި ޓްރަމްޕްގެ ބަސް މަގު ތަފާތުކަން، އެމެރިކާގެ ބޮޑެތި ބައެއް މީޑިއާތަކުން ވެސް ފާހަގަކުރި އެވެ.
އެމެރިކާގެ އެންމެ ބޮޑު ދުޝްމަންގެ ގޮތުގައި 10 އަހަރު ހޭދަކުރި އެކަމަކު އެންމެ ފަހުން 2011 ގައި، ޕާކިސްތާނުގެ ސަރަހަދެއްގައި ހުރި ގެޔަކަށް އެމެރިކާގެ ހާއްސަ ސިފައިންގެ ބަޔަކު ގޮސް ދިން ހަމަލާގައި މަރާލި، އުސާމާ ބިން ލާދިންގެ މަރުގެ ހަބަރު ދުނިޔެއަށް ހާމަކޮށްދެއްވަން އޭރުގެ ރައީސް ބަރަކް އޮބާމާ އެފަދަ ބަސްތަކެއް ބޭނުންކުރައްވާފައެއް ނުވެ އެވެ.
ސީރިޔާގެ އިދްލީބް ޕްރޮވިންސްގެ ފަރުބަދަ މަތީ ސަރަހައްދެއް ކަމަށްވާ ބަރިޝާގައި ހުރި ގެއަށް އެމެރިކާ ސިފައިން ވަދެގަންނަން އުޅުމުން ބަޣުދާދީ، އޭނާގެ ތިން ދަރިންނާ އެކު، ބިމު އަޑީގެ ޓަނަލަކުން ފިލަންވެގެން ދުވި ކަމަށްވެ އެވެ. އެކަމަކު އެ ޓަނަލް އަކީ ވަކި ހިސާބަކުން ބެދިފައި އޮތް ތަނަކަށް ވާތީ، އޭނާ މަރުވީ ޓަނެލްގެ ކޮޅަށް ގޮސް، އަމިއްލައަށް ގޮއްވާލައިގެން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އޭނާއާ އެކު ތިން ކުދިން ވެސް މަރުވި އެވެ.
ޓްރަމްޕް ސިފަކުރެއްވި ގޮތުގައި ބަޣުދާދީ މަރުވީ "ރޮމުން، ގިސްލަމުން، ފިނޑިއެއް"ގެ ގޮތުގަ އެވެ.
މިފަދަ ބަސްމަގަކީ ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގެ ރައީސުންނަށް މީގެ ކުރިން ކުރިމަތިވެވަޑައިގެންނެވި އެންމެ ނުރައްކާތެރި ހިތްދަތި ދަނޑިވަޅުގައި ވެސް، ބޭނުންކުރެއްވި ބަހުރުވައެއް ނޫން ކަމަށް، ދިރާސާކުރާ މީހުން ބުނެ އެވެ.
"އޭނާއަކީ ބަލި، އަގެއް ނެތް މީހެއް، މިހާރު އޭނާ އެވަނީ ނެތިގޮސްފައި. އޭނާ އަކީ އަނިޔާވެރި، ރަހުމެއް ނެތް މީހެއް، އޭނާ މަރުވެ އެދިޔައީ ވެސް، އަނިޔާވެރި، ރަހުމެއް ނެތް ގޮތެއްގައި،" ޓްރަމްޕް ވިދާޅުވި އެވެ.
އަލް ޖަޒީރާގެ ޕެޓީ ކުޅޭން ސިފަކުރި ގޮތުގައި، ޓްރަމްޕްގެ ބަހުރުވައިން، އަލް-ބަޣުދާދީގެ ސަޕޯޓަރުންގެ މެދުގައި ރުޅިވެރިކަން އުފެދުން ކައިރި އެވެ. އަދި ޓްރަމްޕްގެ ބަސްމަގުން ނުކުމެދާނެ ނަތީޖާއާާ މެދު އޭނާ ވަނީ އަލް ޖަޒީރާގެ ބެލުންތެރިންނަށް އޭނާއަށް ގަބޫލުކުރެވޭ ގޮތް ކިޔައިދީފަ އެވެ. އެގޮތުން ކުޅޭން ބުނީ އެމެރިކާއާ ދެކޮޅަށް އަނިޔާވެރި އަމަލްތަކެއް ހިންގުމުގެ އެދުން އެމީހުންގެ މެދުގައި އުފެދިދާނެ ކަމަށެވެ.
"ޓްރަމްޕް އެ ކުރެއްވީ އެމެރިކާގެ ރައީސުން މީގެ ކުރިން ކުރެއްވި ކަހަލަ ކަމެއް ނޫން،" ގުޅޭން ބުންޏެވެ.
"އޭނާ ބޭނުންކުރެއްވީ އަލް-ބަޣުދާދީގެ ބަސް ގަބޫލުކުރާ މީހުންނަށް އެ އިވިއްޖެ ނަމަ ރުޅިވެރިކަން އުފެދޭނެ ބަސްމަގެއް."
ގްޅޭން ބުނި ގޮތުގައި އެއްވެސް މީހަކު އެފަދަ ބަސްތަކެއް ބޭނުންކުރާނީ، އެހެން ބަޔަކު ރުޅިއެރުވުމުގެ މަގުސަދު އޮންނަ ހިނދެއްގައި އެކަންޏެވެ.
އަމިއްލައަށް މަރުވާންވެގެން އަލް-ބަޣުދާދީގެ ކަމަރު ގޮއްވާލުމުން އޭނާގެ ތިން ކުދިން ވެސް މަރުވި އިރު، އެ ހުރިހާ ވާހަކައެއް އެހާ ތަފްސީލުކޮށް ޓްރަމްޕް ކިޔައިދެއްވުމަކީ ވެސް، ގުޅޭންގެ ނަޒަރުގައި، ރަނގަޅު ކަމެއް ނޫނެވެ.
"ވޮޝިންޓަންގައި ވެސް އެ ބަސް މަގުން ކަންބޮޑުވުންތަކެއް އުފެދިއްޖެ،" ގްޅޭން ބުންޏެވެ.
އަލް-ބަޣުދާދީ މަރާލުމަކީ އައިއެސްއާ ދެކޮޅަށް އެމެރިކާ އިން ހިންގާ އޮޕަރޭޝަންގައި ޓްރަމްޕަށް ވެސް ލިބިވަޑައިގެންނެވި ކާމިޔާބީއެއް ކަމަށް، އެމެރިކާގެ ތަޖުރިބާކާރު ބައެއް ނޫސްވެރިން ގަބޫލުކުރެ އެވެ. އެކަމަކު ބަޔަކު މަރުވުމުން އެކަން އިއުލާންކުރެއްވުމުގައި ރައީސުން ބޭނުންކުރައްވަން ޖެހޭ ބަސްމަގު ޓްރަމްޕް ހަނދާންނުކުރެއްވި ކަމަށް، އެ މީހުން ބުނެ އެވެ.