އަހުމަދީނިޖާދު އިންތިޚާބުގައި ވާދަނުކުރަން ރޫހީ ލީޑަރު އިންޒާރު ދެއްވައިފި

ތެހެރާން (ސެޕްޓެމްބަރު 27) - އީރާނުގައި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މަހްމޫދު އަހުމަދީނިޖާދު ވާދަ ނުކުރެއްވުމަށް އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އިންޒާރު ދެއްވައިފި އެވެ.


ޚާމަނާއީއާ ހަވާލާދީ އީރާނުގެ ރަސްމީ މީޑިއާ އިން ބުނީ އަހުމަދީނިޖާދު އިންތިޚާބުގައި ވާދަ ނުކުރަން ޖެހެނީ "އޭނާ އަށާއި ގައުމުގެ ފައިދާ އަށް" ކަމަށެވެ.

ހުޅަނގަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އަހުމަދީނިޖާދު ވަނީ 2005-2013 އާ ދެމެދު އީރާނުގައި ދެ ދައުރު ވެރިކަން ކުރައްވައިފަ އެވެ. އެކަމަކު އަންނަ އަހަރު އޮންނަ އިންތިޚާބުގައި ވާދަކުރައްވާނެކަން އަހުމަދީނިޖާދު އިއުލާން ކުރައްވައިފައެއް ނުވެ އެވެ. ނަމަވެސް އޭނާގެ ފަހުގެ ތަގްރީރުތަކުން ވަނީ އަނެއްކާވެސް ވެރިކަމަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް ދޭހަވާން ފަށައިފަ އެވެ.

އެކަމަކު އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް ރޫހީ ލީޑަރު ނިންމަވައިފި ނަމަ އޭނާގެ ކެންޑިޑެސީ ބާތިލް ކުރާނެ އެވެ.

އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ. --ފޮޓޯ:އޭޕީ

ޚާމަނާއީގެ ވެބްސައިޓުގައި ޕޯސްޓްކޮށްފައިވާ އޯޑިއޯ ކްލިޕެއްގައި ވަނީ ކޮންމެވެސް މީހަކު ވަނީ އޭނާ އަށް ޒިޔާރަތްކޮށްފައި ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ އަށާއި ގައުމުގެ ލާބައަށް ޓަކައި އިންތިޚާބުގައި ވާދަ ނުކުރުމަށް ލަފާ ދީފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެއީ ގައުމުގައި ބައިބައިވުން އުފެދި ނުރައްކާ ހާލަތަކަށް ހިނގައިދާނެތީ ކަމަށް ވެސް ވިދާޅުވި އެވެ.

އީރާނުގެ ރަސްމީ ނޫސް އެޖެންސީން ބުނެފައި ވަނީ ޚާމަނާއީގެ އަރިހަށް ޒިޔާރް ކުރި މީހަކީ ކުރީގެ ރައީސް އަހުމަދީނިޖާދު ކަމަށެވެ.

އަހުމަދީނިޖާދު އެންމެ ފަހުން އިންތިޚާބު ކާމިޔާބުކުރި 2009 ވަނަ އަހަރު ވަނީ އީރާނުގައި ބޮޑެތި ހަމަނުޖެހުންތައް ހިންގާ އެތައް ބަޔަކު ހައްޔަރުކޮށްފަ އެވެ. އަހުމަދީނިޖާދަށް ފަހު ވެރިކަމަށް ވަޑައިގެންނެވި ހަސަން ރޫހާނީ އަކީ މެދުމިނުގެ ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެކެވެ. ރޫހާނީ ވަނީ ހުޅަނގާ އެކު މަޝްވަރާކޮށް، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ނިމުމަކަށް ގެނެސް، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލައިފަ އެވެ.