ލާހޯރު (އެޕްރީލް 7) - ލާހޯރުގެ މިސްކިތެެއްގައި މިދިޔަ މަހު ބޭއްވި އިވެންޓަކަށް ދިޔަ ކަމަށް ބެލެވޭ 20،000 މީހުން ޕާކިސްތާނުން ކަރަންޓީންކޮށްފި އެވެ.

ޕާކިސްތާނުގެ އޮފިޝަލުން ބުނީ މާޗް 10-12 އަށް ތަބްލީޣް ޖަމާއަތުން ބޭއްވި ބައްދަލުވުމަށް ދިޔަ އެންމެން ހޯދައި އެ މީހުން ޓެސްޓްކުރަން ބޭނުންވާ ކަމަށެވެ. އެ ބައްދަލުވުމުގައި 100،000 މީހުން ބައިވެރިވި ކަމަށްވެ އެވެ. ބައްދަލުވުން ބޭއްވީ ވެސް އެކަން ނުކުރަން ސަރުކާރުން އަންގާފައި ވަނިކޮށެވެ.

ހުޅަނގުއުތުރުގެ ޚައިބަރު ޕަޚްތުންކުވާ ޕްރޮވިންސް އިން އެކަނި ވަނީ 5،300 މީހުން ކަރަންޓީންކޮށްފަ އެވެ. ކަރަންޓީންކުރި ބައެއް މީހުން ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. މެދުތެރޭގެ ޕަންޖާބު ޕްރޮވިންސްގެ ލާހޯރް ސިޓީން ވަނީ 7،000 މީހުން ކަރަންޓީންކޮށްފަ އެވެ. ދެކުނުގެ ސިންދު ޕްރޮވިންސް އިން ވަނީ 8،000 މީހުން ކަރަންޓީންކޮށްފަ އެވެ.

ތަބްލީޣް ޖަމާއަތުން ޕާކިސްތާނުގައި ބޭއްވި ބައްދަލުވުމުގައި ޗައިނާ، އިންޑޮނީޝިއާ، ނައިޖީރިއާ އަދި އަފްޣާނިސްތާނުން ވެސް ވަނީ މީހުން ބައިވެރިވެފަ އެވެ. ޕާކިސްތާނުގައި ކަރަންޓީންކުރި މީހުންގެ ތެރޭގައި 1،500 ބިދޭސީން ވެސް ހިމެނެ އެވެ. އަނެއް ބައި މީހުން ވަނީ ކަރަންޓީން ކުރުމުގެ ކުރިން ފުރައިފަ އެވެ.

ފަލަސްތީނުގެ ގާޒާގެ ހެލްތު މިނިސްޓްރީން މިދިޔަ މަހު ބުނެފައި ވަނީ އެ ސިޓީން ކޮރޯނާވައިރަހަށް ފުރަތަމަ ޕޮޒިޓިވްވީ ޕާކިސްތާނުގެ ބައްދަލުވުމަށް ދިޔަ ދެ މީހުން ކަމަށެވެ.

ތަބްލީޣް ޖަމާއަތުން މެލޭޝިއާ އާއި އިންޑިއާގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ގިނަ ބަޔަކު ވެސް ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

ޕާކިސްތާނުން ކޮރޯނާވައިރަހަށް ވަނީ 3،277 މީހުން ޕޮޒިޓިވްވެ 50 މީހުން މަރުވެފަ އެވެ.