އެންމެ ފަހު ވަގުތު ވެސް ޓްރަމްޕް އީރާނަށް ދަތިކޮށްފި

ވޮޝިންޓަން (ނޮވެމްބަރު 19) - ވެރިކަމުން ފައިބައިވަޑައިގަންނަވަން ވަގުތު ކުޑަތަން ވަމުން ދަނިކޮށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން އީރާނަށް ދަތި ކުރުމުގެ އިތުރު ފިޔަވަޅުތައް އަޅައިފި އެވެ.


އީރާނާ ދެކޮޅަށް ބުދަ ދުވަހު އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެ ގައުމުގެ ފައުންޑޭޝަނަކާއި އިންޓަލިޖެންސް މިނިސްޓަރަށް ދަތި ކުރުން ހިމެނެ އެވެ. ޓްރެޝަރީ ޑިޕާޓްމަންޓުން ބުނެފައި ވަނީ އީރާނުގެ ޗެރިޓީއެއް ކަމަށްވާ ފައުންޑޭޝަން އޮފް ދި އޮޕްރެސްޑްގެ، އެމެރިކާގައި ހުރި މުދާތައް ހިފަހައްޓާނެ ކަމަށެވެ. ޓްރެޝަރީ ޑިޕާޓްމަންޓުން ބުނެފައި ވަނީ މަލްޓި މިލިއަން ޑޮލަރުގެ އެ ފައުންޑޭޝަނަކީ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއާ ގުޅިފައިވާ ނެޓްވޯކެއް ކަމަށެވެ.

ޓްރެޝަރީ ޑިޕާޓްމަންޓުން ބުނެފައި ވަނީ ދެން ފިޔަވަޅު އެޅި އީރާނުގެ އިންޓަލިޖެންސް އެންޑް ސެކިއުރިޓީ މިނިސްޓަރު މަހްމޫދު އަލާވީ އަކީ އީރާނުގައި ހިންގާ އިންސާނިއްޔަތާ ޚިލާފު ހުރިހާ އަމަލެއްގެ ޒިންމާ އުފުލަން ޖެހޭ ފަރާތް ކަމަށެވެ.

ޓްރަމްޕުގެ ސަރުކާރުން މީގެ ކުރިން ވެސް ވަނީ އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވައި، އެ ގައުމާ އެކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ހިންގުމަށް ހުރަސް އަޅައިފަ އެވެ. މީގެ އިތުރުން ޓްރަމްޕް ވަނީ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު 2015 ވަނަ އަހަރު ސޮއިކުރި ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ބޭރުކޮށްލައިފަ އެވެ.

އީރާނުން ބުނެފައި ވަނީ ޖެނުއަރީ 20 ގައި ޖޯ ބައިޑަން ވެރިކަމާ ހަވާލުވެވަޑައިގެން، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި ނަމަ، ނިއުކްލިއާ އެއްބަސްވުމުގައިވާ ކަންކަމަށް އަމަލުކުރަން އެއްބަސް ކަމަށެވެ.