އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައި ވާތީ ބަދަލުގައި އާ ލީޑަރަކު ހޮވާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނޫން ކަމަށާއި އެކަން ކުރާނީ އީރާނުން އަމިއްލައަށް ކަމަށް ވިދާޅުވެ، ޓްރަމްޕު މާފަށް އެދިވަޑައިގަތުމަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ ގޮވާލައްވައިފި އެވެ.
"އަހަރެމެންގެ އަމިއްލަ ކަންކަމުގެ ތެރެއަށް ބޭރު މީހުން ވަނުމުގެ ފުރުސަތެއް ނުދެން. އާ ލީޑަރެއް ހޮވުމަކީ އީރާން ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް،" އެންބީސީގެ މީޓް ދަ ޕްރެސް ޕްރޮގްރާމްގައި އަރަޣްޗީ ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު މިހެން ވިދާޅުވީ ޚާމަނާއީގެ ބަދަލުގައި ލީޑަރަކު ހޮވުމުގައި ޓްރަމްޕުގެ ބަހެއް ވެސް އޮންނަންވާނެ ކަމަށް އޭނާ ވިދާޅުވެފައިވާތީ އެވެ.
އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން މީގެ ނުވަ ދުވަސް ކުރިން ހަނގުރާމަ ފެށީ ޚާމަނާއީ އަވަހާރަކޮށްލި ހަމަލާތަކުން ކަމަށް ވާއިރު ޖެހިގެން އައި ދުވަހު ވަނީ އާ ލީޑަރު ހޮވުމުގެ މަސައްކަތް ފަށައިފަ އެވެ. އެ މަގާމަށް ހޮވުން އެންމެ ގާތީ ޚާމަނާއީގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ ކަމަށް އަޑު ފެތުރިފައި ވިޔަސް އަރަޣްޗީ ވަނީ އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
އީރާންގެ ގައުމީ މީޑިއާއިން މިއަދު ބުނި ގޮތުގައި އާ ލީޑަރު ކަނޑައެޅުމުގެ މަސައްކަތް ކުރާ ކޮމިޓީން މިހާރު ވަނީ ނަމަކާ މެދު އެއްބަސްވުމަކަށް އައިސްފަ އެވެ. ވޯޓު ނަގައި ނަން އިއުލާނުކުރުން ދެން ލަސް ނުވާނެ ކަމަށް ވެސް ބުންޏެވެ.
"މާހިރުންގެ މަޖިލީސް އެއްވެ ވޯޓުލައިގެން އާ ލީޑަރަކު ހޮވަންދެން ޖެހޭނީ މަޑުކުރަން،" އާ ލީޑަރަކަށް ވާނެ ބޭފުޅަކާ މެދު ސުވާލުކުރުމުން އަަރަޣްޗީ ވިދާޅުވި އެވެ. އ
އޭނާ ވިދާޅުވީ އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައި އެތައް ބަޔަކު މަރަމުން ދާއިރު މުޅި ސަރަހައްދަށް ކުރިމަތިވެފައިވާ ހާލަތާ މެދު ޓްރަމްޕު އީރާންގެ ކިބައިންނާއި މުޅި ސަރަހައްދުގެ އެންމެންގެ ކިބައިން މާފަށް އެދިވަޑައިގަންނަވަން ޖެހޭނެ އެވެ.
ސަރަހައްދީ ގައުމުތަކަށް އީރާނުން ދެމުން ގެންދާ ހަމަލާތައް ދިފާއުކުރައްވައި އަރަޣްޗީ ވިދާޅުވީ އެއީ އެ ގައުމުތަކުގައި ހުރި އެމެރިކާގެ އަމާޒުތަކަށް ދޭ ހަމަލާތައް ކަމަށާއި އެގޮތަށް އެކަން ކުރަން ޖެހެނީ އީރާންގައި އެމެރިކާއާ ހަމަޔަށް ފޯރާ މިސައިލް ނެތުމުން ކަމަށެވެ.
"މި ހަނގުރާމަ އަހަރެމެންނާ ދެކޮޅަށް ފެށި ބަޔަކީ އެމެރިކާ. އަހަރެން މި ކުރާ ކަމަކީ ދިފާއުވުން. އަހަރެމެންގެ މިސައިލްތައް އެމެރިކާއާ ހަމަޔަކަށް ނުފޯރާކަން އެއީ ސާފުކޮށް އެނގެން އޮތް ކަމެއް،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ އެމެރިކާގެ ބޭސްތަކާއި އަޅުގަނޑުމެންގެ ވަށައިގެންވާ އެމެރިކާގެ މަރުކަޒުތަކަށް ހަމަލާ ދިނުން. ދެރަ ކަމަކީ، އެ ތަންތަން ހުރީ އަވަށްޓެރި ގައުމުތަކުގައި ކަމަށް ވުން."
އީރާންގައި މި ވަގުތު އެމެރިކާއަށް ހަމަލާ ދެވޭ ވަރުގެ އިންޓަކޮންޓިނެންޓަލް މިސައިލެއް ނެތް ކަމަށް މިދިޔަ އަހަރު އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓެއްގައި ބުނެފައިވެ އެވެ. އެފަދަ މިސައިލެއް ހަދަން ބޭނުންވާ ނަމަ އޭގެ 60 ހަތިޔާރު ހެދޭނީ 2035 ގެ ނިޔަލަށް ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ. އެކަމަކު ޓްރަމްޕު މީގެ ދުވަސްކޮޅެއް ކުރިން ވަނީ އީރާނުން އުޅެނީ އޭގެ މިސައިލް ހަދަން ކަމަށާއި އެކަން ވަރަށް އަވަހަށް ކޮށްފާނެ ކަމަށް ވިދާޅުވެފަ އެވެ. -- އޭއެފްޕީ