ނިއު ޔޯކް (މާޗް 4) - އަންހެނުންތަކެއް ހިތްހަމަނުޖެހޭ ގޮތަށް ކަންތައް ކުރެވުނީތީ ހިތާމަ ކުރައްވާ ކަމަށާއި އެކަމަކު އެއްވެސް އަންހެނެއްގެ ގައިގައި ނުބައި ނިޔަތެއްގައި އަތްލައިފައި ނުވާނެ ކަމަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށްފައިވާ ނިއު ޔޯކުގެ ބާރުގަދަ ގަވަރުނަރު އެންޑްރޫ ކޫމޯ ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓިކް ގަވަރުނަރާ ދެކޮޅަށް ތިން އަންހެނަކު މިހާތަނަށް ވަނީ ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް ކޮށްފަ އެވެ. މި ތުހުމަތުތަކާ ގުޅިގެން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ކޫމޯ ވިދާޅުވީ އޭނާގެ ސަބަބުން އަންހެނުންތަކަކަށް "އުނދޫވި" ކަމަށްޓަކައި މައާފަށް އެދޭ ކަމަށެވެ. އަދި އެ މައްސަލައިގައި އާއްމުން ގޮތެއް ނިންމުމުގެ ކުރިން ހަގީގަތް ހާމަވަންދެން މަޑު ކުރުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.

ނިއު ޔޯކުގެ އެޓާނީ ޖެނެރަލް މިހާރު ވަނީ އެ ތުހުމަތުތަކުގެ ތަހުގީގު ފައްޓަވައިފަ އެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން އިސްތިއުފާ ދިނުމަށް ޕާޓީން ގޮވާލި ނަމަވެސް އެ ގޮތަށް ކަންތައް ނުކުރައްވާނެ ކަމަށް ކޫމޯ ވިދާޅުވި އެވެ.

ކުރަނީ ކޮން ތުހުމަތެއް؟

ކޫމޯގެ އަރިހުގައި ކުރިން މަސައްކަތް ކުރި އިސް އެހީތެރިއެއް ކަމަށްވާ ލިންޑްސޭ ބޯލާން ބުނެފައިވާ ގޮތުގައި އޭނާގެ ނުރުހުގައި ގަވަރުނަރު ވަނީ ގައިގައި އަތްލައިފަ އެވެ. އަދި އޭނާއާ ބެހޭ ގޮތުން އެކަށީގެންނުވާ އިބާރާތްތައް އާއްމުކޮށް ބޭނުންކުރާ ކަމަށް ބުނެފައިވެ އެވެ. ކޫމޯގެ ޕްރައިވެޓް ޖެޓުގައި ކުރި ދަތުރެއްގައި ވެސް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށް ލިންޑްސޭ ބުނެފައިވެ އެވެ.

އެހެން އަންހެނެއް ކަމަށްވާ ޗާލޮޓް ބެނެޓް ނިއު ޔޯކް ޓައިމްސް އަށް ބުނެފައި ވަނީ ކޫމޯ ކުރެއްވި ޖިންސީ ފުރައްސާރައިން ދޭހަވަނީ އޭނާއާ އެކު ނިދަން ބޭނުންވާކަން ކަމަށެވެ. ތިން ވަނަ މީހާ، އަނާ ރަޗް ބުނެފައި ވަނީ ކައިވެނި ޕާޓީއެއްގެ ތެރޭން ކޫމާ ވަނީ އޭނާގެ މޫނުގައި އަތްލައި ކިސްކުރަން އެދިފައި ކަމަށެވެ.

ސިޔާސީ ގޮތުން ނިއު ޔޯކްގައި ބާރުގަދަ އާއިލާއެއްގެ އިސް މެމްބަރެއް ކަމަށްވާ އުމުރުން 63 އަހަރުގެ ކޫމާ މިހާރު ގެންދަވަނީ ގަވަރުނަރުކަމުގެ ތިން ވަނަ ދައުރު ފުރިހަމަކުރައްވަމުންނެވެ.