ލައިފްސްޓައިލް

ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ ބޭބެ އަށް އެހީވުމުން ސީއެންއެންގެ ކްރިސް ކުއޯމޯ ސަސްޕެންޑްކޮށްފި

01 ޑިސެމްބަރ 2021 - 13:50

ނިއު ޔޯކް (ޑިސެމްބަރު 1) - މީގެ ތިން މަސް ކުރިން މަގާމުން އިސްތިއުފާ ދެއްވި އެމެރިކާގެ ނިއު ޔޯކުގެ ކުރީގެ ގަވަރުނަރު އެންޑްރޫ ކުއޯމޯގެ މައްސަލަތައް އޮއްބައިލަން، ކޮއްކޮ އަދި ސީއެންއެންގެ މަޝްހޫރު ޕްރެޒެންޓަރު ކްރިސް ކުއޯމޯ މަސައްކަތްކޮށް އެކަމަށް އެހީވިކަމުގެ ތުހުމަތުތަކަށް ބާރުދޭ އިތުރު ވާހަކަތަކާ ހެދި އޭނާ މުއްދަތެއް ނެތް ގޮތަށް ސީއެންއެން އިން ސަސްޕެންޑްކޮށްފި އެވެ.

މީޑިއާގެ ނުފޫޒު ގަދަ ޝަހުސިއްޔަތެއްގެ ގޮތުގައި ފާހަގަކުރެވޭ ކްރިސް، 51، އަކީ ސީއެންއެންގެ "ކުއާމޯ ޕްރައިމް ޓައިމް" ގެ ނަމުގައި ސިއެންއެންގައި ޝޯއެއް ހޯސްޓްކުރަމުން އައި ޕްރެޒެންޓަރެކެވެ. އޭނާގެ ބޭބެގެ މައްސަލަތައް އޮއްބާލައި އެކަންކަމަށް އެހީވި ކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކަށް އިތުރު ބާރުތަކެއް ލިބުނީ ކްރިސްގެ މައްސަލާގައި ނިއު ޔޯކްގެ އެޓާނީ ޖެނެރަލް ލެޓިޝިއާ ޖޭމްސް ހޯމަ ދުވަހު އާންމުކުރެއްވި ލިޔެކިޔުންތަކާ ގުޅިގެންނެވެ. އޭގައި ބުނެފައިވާ ގޮތުގައި ކްރިސް ވަނީ ކުރިން ބެލެވުނު ބަރަށް ވުރެ ފުޅާކޮށް އޭނާގެ ބޭބެގެ މައްސަލަތައް އޮއްބައިލަން މަސައްކަތްކޮށް، އެކަމަށް އެތައް ގޮތަކުން އެހީވެފަ އެވެ.

އެ ލިޔުންތަކުގައި ބުނެފައިވާ ގޮތުގައި ބޭބެގެ މައްސަލަތައް ފޮރުވަން ކްރިސް ވަނީ ސީދާ ގަވަރުނަރު އޮފީހުގެ މަސައްކަތުގެ ތެރެއަށް ވެސް އަތްބާނައި އެތަނުގެ މުވައްޒަފުންނަށް ނުފޫޒު ފޯރުވައި ކަމާނުބެހޭ އެތައް ހަޑިއެއް ހާވައިފަ އެވެ. އަދި ގަވަރުނަރުގެ ސެކްރެޓަރީގެ މަގާމުގައި ހުންނެވި މެލީސާ ޑިރޯޒާ އަށް ޓެކްސްޓް މެސެޖްތަކާއި އީމެއިލްތައް ފޮނުވައި، ބޭބެއާ ގުޅުން ހުރި މައްސަލަތަކަށް ނުފޫޒު ފޯރުވަން އޭނާ ވަރަށް ބޮޑު ރޯލެއް އަދާކޮށްފައިވާ ކަމަށް ލިޔެކިޔުންތަކުގައި ބުނެ އެވެ.

ކްރިސް އާއި އެންޑްރޫ ކުއޯމޯ.

ކްރިސްގެ މައްޗަށް މިފަދަ ތުހުމަތުތެއް ކުރިން ވެސް ކުރެވުމާ އެކު ސީއެންއެން އިން އޭނާ މިދިޔަ އަހަރު ވެސް ވަގުތީ ގޮތުން ސަސްޕެންޑްކުރި އެވެ. އެކަމަކު އަންގާރަ ދވަަހު ކްރިސް މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކުރީ ތުހުމަތުކުރެވޭ މައްސަލައާ ބެހޭ އިތުރު އެތައް ވާހަތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އޭނާ ސީއެންއެންއާ ގުޅުނީ 2013 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ ކްރިސްއާ ބެހޭ ގޮތުން ދެކެވުނު ވާހަކަތަކާ ގުޅިގެން ސީއެންއެން އޭނާގެ ދިފާއުކޮށް ވާހަކަ ދައްކާފައިވެ އެވެ.

ނަމަވެސް އަންގާރަ ދުވަހު އެތަނުން ބުނީ ހޯމަ ދުވަހު އެޓާނީ ޖެނެރެލް އާންމުކުރެއްވި ލިޔުންތަކުގެ ސަބަބުން ބޭބެގެ ދިފާއުގައި ކްރިސް ވަރަށް ބޮޑު ރޯލެއް އަދާކޮށްފައިވާކަމާ ދޭތެރޭ މިހާރު އެއްވެސް ސުވާލެއް ނެތް ކަމަށެވެ.

"އެ ހުރިހާ ވާހަކަތަކެއް މިހާރު އޮތީ ޕަބްލިކްގައި ފެންނަން. އެހެންވީމަ އަހަރެމެންގެ މުވައްޒަފެއްގެ ގޮތުގައި ހުރެގެން ކްރިސްގެ ފަރާތުން ފެންމަތިވި މައްސަލަތަކަކީ އަހަރެމެންގެ އުސޫލުތަކާ ވެސް ހިލާފުކަމެއް،" ސީއެންއެން އިން ބުންޏެވެ.

ކްރިސްގެ ބޭބެ އެންޑްރޫ، 63، ގެ މައްޗަށް އެތައް ބަޔަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުތަކާ ގުޅިގެން ކުރިމަތިވި ޕްރެޝަރުތަކާ ހެދި މަގާމުން އިސްތިއުފާ ދެއްވީ އޮގަސްޓް މަހުގެ 10 ގަ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 100%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454