ނިއު ޔޯކް (އޮގަސްޓް 3) - ނިއު ޔޯކުގެ ގަވަރުނަރު އެންޑްރޫ ކޫމޯ ވަނީ އެތައް ބައިވަރު އަންހެނުންނަށް، ޖިންސީ ގޯނާކޮށްފައި ކަމަށް ތަހުގީގު ރިޕޯޓުގައި ބުނެފި އެވެ.

ގިނަ އަދަދެއްގެ އަންހެނުން މިދިޔަ އަހަރު ވަނީ ކޫމޯގެ ފަރާތުން ޖިންސީ އަނިޔާ ލިބުނުކަމުގެ ޝަކުވާކޮށްފަ އެވެ. އެކަމާ ގުޅިގެން ހިންގި ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި، ނިއު ޔޯކުގެ އެޓާނީ ޖެނެރަލް ލެޓިޓިއާ ޖޭމްސް ފާހަގަކުރައްވާފައި ވަނީ ސްޓޭޓް އަދި ފެޑެރަލް އެތައް ގާނޫނަކީ ކޫމޯ ޚިލާފުވެވަޑައިގެންފައިވާ ކަމަށެވެ.

ތަހުގީގުގައި ވަނީ 200 އަށް ވުރެ ގިނަ މީހުންނާ ސުވާލުކޮށްފަ އެވެ. އޭގެ ތެރޭގައި ކޫމޯގެ އޮފީހުގެ ސްޓާފުން ވެސް ހިމެނެ އެވެ. އަދި އެތައް ހާސް ޑޮކިއުމެންޓަކާއި ޓެކްސްޓް އަދި ފޮޓޯ ވަނީ ބަލައިފަ އެވެ.

"ވަކި ފަރާތަކަށް ނުޖެހި ހިންގި ތަހުގީގުން އެނގިފައި ވަނީ އެތައް ބައިވަރު އަންހެނުންނަށް ކޫމޯ ޖިންސީ ފުރައްސާރަ ކޮށްފައިވާކަން. އަދި އެކަން ކުރުމުގައި ވަނީ ފެޑެރަލް އަދި ސްޓޭޓުގެ ގާނޫނުތަކާ ޚިލާފުވެފައި،" ޖޭމްސް ވިދާޅުވި އެވެ.

ތަހުގީގުގައި އިސްކޮށް އުޅުއްވި އެއްބޭފުޅަކު ވިދާޅުވީ ޖިންސީ ފުރައްސާރަ އާއި ގޯނާކުރުން އޮތީ އެކަމާ ދެކޮޅަށް ނޫނެކޭ ބުނަން ނުކެރޭ ވަރަށް، ސަގާފަތަކަށްވެފައި ކަމަށެވެ.

ކޫމޯ ވިދާޅުވެފައި ވަނީ އެއްވެސް އަންހެނެއްގެ ގައިގައި ނުބައި ނިޔަތެއްގައި އަތްލާފައި ނުވާނެ ކަމަށެވެ.