ފަލަސްތީނާއި އިޒްރޭލް ސުލްހަވާން ޓްރަމްޕް ބޭނުންވޭ

ނިއު ޔޯކް (ނޮވެމްބަރު 23) - މެދުއިރުމައްޗަށް ސުލްހަ ހޯދުމަށް އެމެރިކާ އިން މީގެ ކުރިން ކުރި މަސައްކަތް ނާކާމިޔާބުވި ނަމަވެސް ފަލަސްތީނާއި އިޒްރޭލާ ދެމެދު ސުލްހަ ގާއިމްކުރުމަކީ ވަރަށް ބޮޑަށް ލޯބިކުރާ ކަމެއް ކަމަށް ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

"ފަލަސްތީނާއި އިޒްރޭލާ ދެމެދު ސުލްހަ ގާއިމްކޮށްދޭ މީހަކަށްވާން އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވޭ. އެއީ ވަރަށް ބޮޑު ކާމިޔާބަކަށް ވާނެ،" ނިއު ޔޯކް ޓައިމްސްގެ ވެރިންނާއި ރިޕޯޓަރުންނާ ބައްދަލު ކުރައްވާ ޓްރަމްޕް ވިދާޅުވި އެވެ.

ނިއު ޔޯކް ޓައިމްސްގެ ރިޕޯޓަރު ޓްވީޓް ކުރެއްވި ގޮތުގައި ދެފަރާތުގެ މެދުގައި ސުލްހަ ގާއިމްކުރުމުގެ އިސް މީހަކަށް ޓްރަމްޕް ހުށަހަޅަނީ އޭނާގެ ދަނބިދަރިފުޅު ޖާރެޑް ކުޝްނާ އެވެ. ޓްރަމްޕުގެ ދަރިފުޅު އިވާންކާއާ ކައިވެނިކޮށްގެން އުޅޭ ކުޝްނާ އަކީ ޔަހޫދީ އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. ރިޔާސީ އިންތިޚާބުގެ ތެރޭގައި ކުޝްނާ ވަނީ ވަރަށް މުހިންމު ރޯލެއް އަދާކޮށްފަ އެވެ. އަދި އިންތިޚާބުގެ ކާމިޔާބީ އަށް ފަހު ވެސް ކުޝްނާ އަކީ ޓްރަމްޕުގެ ޓީމުގައި އެންމެ ނުފޫޒުގަދަ ބޭފުޅާ އެވެ.

ނިއު ޔޯކް ޓައިމްސް އިން ނުކުމެވަޑައިގަންނަވަމުން ސެކިއުރިޓީ ގާޑަކާ ޓްރަމްޕް ސަލާމް ކުރައްވަނީ. --ފޮޓޯ:އޭޕީ

އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ހަދާނެ ކަމަށް ކެމްޕޭނުގެ ތެރޭގައި ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ޓްރަމްޕުގެ ކާމިޔާބީއާ ގުޅިގެން އިޒްރޭލަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފަ އެވެ.

އިޒްރޭލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމްކުރުމުގެ މަސައްކަތުގައި އެންމެ އިސް ދައުރެއް މިފަހުން އަދާކުރެއްވީ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ އެވެ. އެކަމަކު ދެ ފަރާތުގެ މެދުގައި ބޭއްވި ސީދާ ވާހަކަތައް މީގެ ދެ އަހަރު ބައިގެ ކުރިން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.