ތައިވާންގެ ދެކުނު ސަރަހައްދެއްގައި ހުރި އުސް އިމާރާތެއްގައި ރޭ ދަންވަރު ރޯވެ ހިނގި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 46 މީހަކު މަރުވެއްޖެ ކަމަށް، ތައިވާން ސަރުކާރުން ބުނެފި އެވެ.

ތައިވާން ސަރުކާރުން މިއަދު ބުނި ގޮތުގައި ރޭ ދަންވަރު 3 ޖަހައި ބޮޑުވިފަހުން ހިނގި އަލިފާނުގެ ހާދިސާގައި އިތުރު 41 މީހަކަށް އެކިވަރުގެ ޒަޚްމްތައް ލިބިގެން މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ޒަހަމްވި މީހުންގެ ތެރޭގައި ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވާ މީހުން ވެސް ހިމެނޭތީ، މި ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

އަލިފާން ނިއްވާ އިދާރާ އިން ބުނި ގޮތުގައި ރޭ ދަންވަރު އަލިފާން ރޯވީ ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުން އައި، 13 ބުރީގެ އިމާރާތެއްގަ އެވެ. އިމާރާތުގެ މެދުތެރެއަށް ވުރެ ތިރީގެ ބުރިތަކުގައި އަލިފާން ރޯވުމާއެކު ވަރަށް ހަލުވި ގޮތެއްގައި އޭގެ މަތީ ބުރިތަކަށް ވެސް އަލިފާންގަނޑު ފެތުރުނެވެ.

މިއަދު ހެނދުނު އިރު އެރިފަހުން އަލިފާންގަނޑު މުޅިން ނިއްވާލެވިފައިވާ އިރު، އަލިފާން ނިއްވާ މީހުންނާއި ސިފައިން މިހާރު މަސައްކަތް ކުރަނީ، އިމާރާތުގެ އެކި ބައިތައް ބަލައި، އެއްވެސް މީހެއްގެ ހަށިގަނޑު ނަމަވެސް ފެނޭތޯ އެވެ.

އިމާރާތުގައި އަލިފާން ހިނގަން މެދުވެރިވީ ކޮން ސަބަބެއް ކަމެއް ނޭނގޭ ކަމަށް، އަލިފާން ނިއްވާ އިދާރާއިން ބުނެ އެވެ. ނަމަވެސް އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުނި ގޮތުގައި ރޭ ދަންވަރު ތިނެއް ޖަހާކަށްހާއިރު، ވަރަށް ބާރަށް އެއްޗެއް ގޮވި އަޑު އިވުނެވެ. އެ ސަރަހައްދުގެ ގިނަ ބަޔަކު އެ އަޑަށް ހޭލިއިރު، 13 ބުރީގެ އިމާރާތުގެ މެދުތެރޭ ބުރިތަކުގެ ކޮންމެވެސް ހިސާބަކުން ދުން އަރާ ކަމަށް އެމީހުން ބުނެ އެވެ.

އިމާރާތްކުރިތާ 40 އަހަރު ވެފައިވާ މި އިމާރާތުގެ އެންމެ ތިރީ ބުރިތަކުގައި ހުންނަނީ ފިހާރަތަކާއި ސައި ހޮޓާ ފަދަ ތަންތަނެވެ. މީހުން ދިރިއުޅޭ އެޕާޓްމަންޓްތައް ހުންނަނީ އެއަށް ވުރެ މަތީގަ އެވެ.