ކުޅުދުއްފުށީ އެއާޕޯޓްގައި މިއަދު އެއްޗެއް ގޮވުމުގެ ސަބަބުން ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ އިތުރު ފަރުވާ އަށް މިރޭ މާލެ ގެނެސްފި އެވެ.
އެމްއެންޑީއެފުން ބުނީ، އެ މީހާ މާލެ ގެނައީ ހަނިމާދޫގައި ސިފައިން އޮޕަރޭޓްކުރާ ޑޯނިއާ ފްލައިޓްގައި ކަމަށެވެ. މިހާރު އޭނާ އަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.
މިއަދުގެ ހާދިސާގައި އަތަށް ވަރަށް ބޮޑު ޒަހަމެއް ލިބި ހާލު ސީރިއަސްވެފައިވަނީ ކުޅުދުއްފުށީގެ 37 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ އެއާޕޯޓްގައި މަސައްކަތް ކުރާ ފަޔާ ފައިޓަރެކެވެ.
މި ހާދިސާ ހިނގީ އެއާޕޯޓުގެ ފަޔަ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ރިފިލް ކުރުމުގެ ތެރޭގައި އެ ގޮވައިގެން ކަމަށް ފުލުހުން ބުންޏެވެ.
އިތުރު ތިން މީހަކަށް ވެސް އަނިޔާވިއިރު އެ މީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. އެ ހޮސްޕިޓަލުން ބުނިގޮތުގައި އެ މީހުން ހާލު ސީރިއަސްއެއް ނޫނެވެ.