އަންނަ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް މެޗުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އިރާންގެ ފުޓްބޯޅަ އިސް އޮފިޝަލުން ޒިއުރިކްގައި ފީފާއާ ބައްދަލުކުރުމަށް ނިންމައިފި އެވެ.

އިރާންގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މަހުދީ ތާޖް ހުކުރު ދުވަހު ވިދާޅުވީ، ވޯލްޑް ކަޕާ ގުޅޭގޮތުން ފީފާއާ ދައްކަންޖެހޭ ވަރަށް ގިނަ ވާހަކަތައް އެބަހުރި ކަމަށެވެ. މި ބައްދަލުވުން ބޭއްވުމަށް ފީފާގެ ސެކްރެޓަރީ ޖެނެރަލް މަޓިއަސް ގްރާފްސްޓްރޯމް ވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ޒިޔުރިކަށް ދިއުމަށް އިރާންގެ ވަފުދަކަށް ދައުވަތު އަރުވާފަ އެވެ.

ވޯލްޑް ކަޕްގައި އިރާން ބައިވެރިވުމާ މެދު ސުވާލު އުފެދިފައިވަނީ، މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެންނެވެ.

މި މުބާރާތަކީ އެމެރިކާގެ އިތުރުން ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ މުބާރާތެކެވެ.

ފީފާގެ ކޮންގްރެސްގައި އިރާން ފިޔަވައި ފީފާގެ  މެންބަރު ހުރިހާ ގައުމަކުން ބައިވެރިވި އެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ތާވަލާ އެއްގޮތަށް އިރާން އެމެރިކާ އަށް ގޮސް މެޗުތައް ކުޅޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

މިދިޔަ ހަފްތާގައި ކެނެޑާގެ ވެންކޫވަރުގައި ބޭއްވި ފީފާގެ ކޮންގްރެސްއަށް ދިޔުމަށް ޓޮރޮންޓޯއަށް ފޭބި އިރާންގެ ވަފުދަށް ކެނެޑާގެ އިދާރާތަކުން ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާފަ އެވެ.

އިރާނުގެ އެފްއޭގެ އސްވެރިންނަކީ އެ ގައުމުގެ އިސްލާމިކް އިންގިލާބީ ލަޝްކަރު (އައިއާރުޖީސީ) ގެ މެންބަރުން ކަމަށް ބަލައި، ދެ ގަޑިއިރަށް އެއާޕޯޓުގައި ހިފެހެއްޓި އެވެ. މިކަމާ ގުޅިގެން އިރާންގެ ވަފުދުން ވަނީ ކޮންގްރެސްގައި ބައިވެރިނުވެ އަނބުރާ ގައުމަށް ގޮސްފަ އެވެ.

އެއާޕޯޓުގައި ކުރިމަތިވި ސުވާލުތަކާ ގުޅޭގޮތުން ތާޖް ވިދާޅުވެފައިވަނީ ރަސްމީ ގޮތުން ޑީޕޯޓް ނުކުރާ ކަމަށެވެ.