އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ހޯދުމަށް ކުރާ މަސައްކަތުގައި އެއްވަނަިއގައި އޮތް އާސެނަލުން މިރޭ ވެސްޓް ހޭމްގެ މައްޗަށް 1-0 އިން ކުރިހޯދައި، ތަށި ހޯދުމުގެ ރޭސް ވާންކޮށްފި އެވެ.
މުޅި މެޗުގައިވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ޕްރެޝަރުގައި ތިބެގެން ކުޅުނު ގޭމެކެވެ. އާސެނަލް މޮޅުވި ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ޖަހައިދިނީ ލިއަންޑްރޯ ޓްރޮސާޑް އެވެ.
އެ ލަނޑު ޖެހުމުގެ ކުޑަވަގުތުކޮޅެއް ކުރިން، ވެސްޓް ހޭމްގެ މެޓިއަސް ފެނާންޑޭޒަށް ލިބުނު ރަން ފުރުސަތެއް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.
މެޗުގެ އެންމެ ފޯރިގަދަ އަދި ދެބަސްވުން އުފެދުނު ވަގުތަކީ އިތުރު ވަގުތުގެ ފަސްވަނަ މިނެޓެވެ. ވެސްޓް ހޭމްގެ ކީޕަރު ވެސް ކުރިއަށް އަރައި ހުރެ ނެގި ކޯނަރަކަށް ފަހު، އެ ޓީމުގެ ކެލުމް ވިލްސަން ވަނީ އާސެނަލްގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ. ނަމަވެސް، ވެސްޓް ހޭމްގެ ޕަބްލޯ އާސެނަލްގެ ކީޕަރު ރާޔާއަށް ހުރަސްއެޅި ކަމަށް ބުނެ ވީއޭއާރުން އެ ލަނޑު ބަލައިނުގަތުމަށް ނިންމި އެވެ.
ރެފްރީ ކްރިސް ކަވަނާ ގިނަ ވަގުތުތަކެއް ވަންދެން ސްކްރީނުން މަންޒަރު ބަލަން ހުރުމަށްފަހު، ފައުލެއް ކަމަށް ނިންމުމާ އެކު ވެސްޓް ހޭމްގެ ސަޕޯޓަރުންގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވި އެވެ. މި ނިންމުމާއެކު ވެސްޓް ހޭމްއަށް ރެލިގޭޝަނުން ސަލާމަތްވުމަށް ކުރާ މަސައްކަތުގައި އިތުރު ހުރަސްތަކެއް ކުރިމަތިވީ އެވެ އާސެނަލަށް ވަނީ ލީގު ތަށީގެ އުންމީދު އާ ވެފަ އެވެ.
ވެސްޓް ހޭމްގެ މައްޗަށް ހޯދި މުހިންމު މޮޅާ އެކު އާސެނަލުން ވަނީ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީގެ މައްޗަށް ފަސް ޕޮއިންޓް ހޯދާފަ އެވެ. ލީގުގައި އާސެނަލަށް ބާކީ ދެން އޮތީ އެންމެ ދެ މެޗެވެ. އަންނަ ހޯމަ ދުވަހުގެ ރޭ، އަމިއްލަ ދަނޑުގައި ބާންލޭ ބަލިކޮށްގެން އާސެނަލަށް ލީގު ތަށި ކަށަވަރުކުރުމުގެ ފުރުސަތު އެބައޮތެވެ.